ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފްރޮންޓްލައިން އެލަވަންސް ނުދޭތީ އެމްއެޗްޕީޔޫ އިން ކަންބޮޑުވެއްޖެ

Apr 17, 2021
1

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ވޮލަންޓިއަރުންނަށް ދޭން ވައުދުވި ފްރޮންޓްލައިން އެލަވަންސް ބައެއް މީހުންނަށް ދީފައި ނުވާތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެޗްޕީޔޫގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިމައްސަލައާއި ގުޅިގެން ބަޔާނެއް އާންމުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ޓެގްކޮށް އެ ބޭފުޅުންގެ ސަމާލުކަމަށް މައްސަލަ ގެނެސްފައިވެ އެވެ.

އެމްއެޗްޕީއޭގެ ބަޔާނުގައި ބުނެފައިވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ އެތައް ބަޔަކަށް ސަރުކާރުން ވައުދުވި ގޮތަށް ފްރޮންޓްލައިން އެލަވަންސް ދީފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރާ ވޮލަންޓިއަރުން މަސައްކަތަށް ނިކުންނައިރު ރިޕޯޓްކުރަންޖެހޭ ކަމަށާއި އަދި އެ މީހުންނާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަންވެސް އެމްއެޗްޕީއޭ އިން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ހިދުމަތް ދިނުމާ އެކު އެލަވަންސް ވަގުތަށް ދިނުމަށްވެސް އެމްއެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ޖުލައި 15، 2020 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރި މުވައްޒިފުންގެ މައުލޫމާތު މިނިސްޓްރީތަކުން ވަކި ޕޯޓަލްއެއް މެދުވެރިކޮށް ފުރިހަމަ ކުރަމުންދާ ކަމަށެވެ. އެ މައުލޫމާތު ފުރިހަމަކޮށް ނިމިފައިވާ މިނިސްޓްރީތަކުގެ މުއައްޒިފުންނަށް އެ އަހަރުގެ ޖުލައި މަހުގެ މުސާރައާއެކު އެ އެލަވަންސް ލިބޭނެ ކަމަށް ބެލެވޭ ކަމުގައި އޭރު ނަޒްލާ ވިދާޅުވެފައިވެ އެވެ.

ސަރުކާރުން ނިންމީ ތިން ގިންތިއަކަށް ބަހާލައިގެން ފްރޮންޓްލައިން އެލަވަންސް ދިނުމަށެވެ. އެންއީއޯސީގައި މެއި 7، 2020ގައި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާ ދެކޮޅަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ބަހާލައިގެން ފްރަންޓްލައިން އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ގިންތި ކަމަށްވާ ހައި ރިސްކު ކެޓަގަރީގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުން ފަދަ ކަންކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތަކެވެ. ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވެ އެވެ.

ދެވަނަ ގިންތި ކަމަށްވާ މީޑިއަމް ރިސްކު ކެޓަގަރީގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. މީޑިއަމް ރިސްކު ކެޓެގަރީގައި ހިމެނޭ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވެ އެވެ.

މި ދެ ކެޓަގަރީގައި ނުހިމެނޭ، އެކަމަކު ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ފަރާތްތަކަށް 200 ރުފިޔާގެ އެލަވަންސެއް ވެސް ދޭން ނިންމާފައިވެ އެވެ.