ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ދެވަނަ ބުރު ބާއްވަންޖެހޭ ދާއިރާތައް ނިންމަނީ

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭ ރަށްރަށާއި ދާއިރާތައް މިއަދު ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ހޮނިހިރު ދުވަހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ރޭ ވަނީ އިއުލާނުކޮށް ނިމިފައެވެ. މިހާތަނަށް ޔަގީން ކުރެވިފައިވާ ގޮތުގައި ދެ ރަށެއްގެ ކައުންސިލްގެ ދެވަނަ ބުރު ބާއްވަން ޖެހެއެވެ. އެއީ ހއ. ތަކަންދޫ އާއި ބ. ކިހާދޫ ގައެވެ. އެ ދެ ރަށުގެ ކައުންސިލަށް ފަސް މެންބަރުން އިންތިހާބު ކުރަން ޖެހޭއިރު އެންމެ މަތިން ވޯޓް ހޯދި ހަތަރު ކެންޑިޑޭޓުންގެ ފަހަތުން ދެ ކެންޑިޑޭޓަކު ވަނީ އެއްވަރަށް ވޯޓް ހޯދާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭ ރަށްތައް ފައިނަލް ކުރުމަށް ކޮމިޝަންގެ ރަސްމީ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބާއި ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާ އެ ޝަކުވާތަކަށް ވެސް އެ ބައްދަލުވުމުގައި ގޮތް ނިންމާނެ ކަމަށެވެ. އެ ނިންމުންތަކަށް ފަހު އިތުރު ރަށްތަކެއްގައި ދެވަނަ ބުރު ބާއްވަން ޖެހޭނަމަ އެކަމެއް ނިންމާނެ ކަމަށެވެ.

"އަދި އަޅުގަނޑުމެން އެއްވެސް ރަށެއްގައި ދެވަނަ ބުރު ބޭއްވުމަށް ފައިނަލް ނުކުރަން. މިއަދުގެ ބައްދަލުވުމުގައި އެކަން ނިންމާނީ. ދެވަނަ ބުރު ބާއްވަން މި ޖެހެނީ ފަސް މެންބަރުން އިންތިހާބުކުރާ ކައުންސިލެއް ނަމަ ފަސްވަނަ އަށް އިންތިހާބުކުރަން ޖެހޭ ކެންޑިޑޭޓަކަށް ދެ ބޭފުޅެއްގެ ވޯޓް އެއްވަރުވެއްޖެނަމަ،" ފުއާދު ވިދާޅުވިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން މާލެ ސިޓީން ޕީޕީއެމަށް 13 ގޮނޑި ލިބިފައި ވެއެވެ. އެމްޑީޕީއަށް ލިބިފައި ވަނީ ހަ ގޮނޑި އެވެ. ޖުމްހޫރީ ޕާޓީއަށް އެއް ގޮނޑި ލިބިފައި ވެއެވެ. މީގެ އިތުރުން 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ ހަތް އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މަގާމެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން ލަސްވީ ބައެއް ވޯޓްފޮށިތަކުގެ ޝީޓްތަކުގައިވާ އަދަދުތައް ދިމާނުވެ އަލުން ވޯޓްފޮށިތައް ގުނާ ސެކިއުރިޓީ އުރަ ކަނޑަން ޖެހުމުންނެވެ. ކޮމިޝަނުން އެކަން ކޮށްފައި ވަނީ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ މަންދޫބުން އަދި މީޑިއާގެ ހާޒިރުގަ އެވެ.