ކޮވިޑް -19ގެ ބޮޑެތި އައުޓް ބްރޭކްތަކެއް އަދިވެސް ބައެއް ރަށްރަށުން ފެންނަމުންދާ ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ އަތޮޅުތެރޭގައި މިފަހުން ބޮޑެތި އައުޓް ބްރޭކްތައް ފެނުނު ރަށްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން ނަޒްލާ ވިދާޅުވީ މިވަގުތު އެންމެ ބޮޑު ކްލާސްޓާއެއްގެ ގޮތުގައި ފާހަގަކުރެވެން އޮތީ ޅ. ފެލިވަރުގެ ކްލަސްޓާ ކަމަށެވެ. އެ ކްލަސްޓާ މުޅި އަތޮޅު ތެރެއަށް ފެތުރިފައިވާއިރު ޕޮޒިޓިވްވީ މީހުންގެ އަދަދު 489 އަށް ވަނީ އަރާފަ އެވެ. ފެލިވަރުން އިއްޔެވެސް ދެ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ޅ. އަތޮޅުގެ ވަކިވަކި ރަށްތަކަަށް ބަލާއިރު ވެރިކަންކުރާ ނައިފަރުގައި 130 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ފަރުވާ ހޯދަމުން އެބަދެ އެވެ.
ޅ. އަތޮޅަށް ފަހު ދެން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފަައިވަނީ ކ. ހުރާ އިން އެވެ. އެރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު 173 އަށް އަރާފައިވާއިރު އިއްޔެވެސް އެ ރަށުން ދެ މީހަކު ޕޮޒިޓިވްވި އެވެ.
ތ. އަތޮޅުގެ ކޮވިޑްގެ ހާލަތު ހިއްސާކުރައްވަމުން ނަޒްލާ ވިދާޅުވީ ތ. ވޭމަންޑޫއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 50 އަށް އަރާފައިވާ ކަމަށެވެ. މިދިޔަ ހުކުރު ދުވަހު 16 މީހަކު އަދި އިއްޔެ 12 މީހަކު ވޭމަންޑޫން ޕޮޒިޓިވްވެފައިވެ އެވެ.
އދ. މާމިނގިލީގައި ވެސް ބޮޑު ކްލަސްޓާއެއް އުފެދިގެން އުޅޭ ކަަމަށް ނަޒްލާ ވިދާޅުވި އެވެ. އެރަށުން ޖުމްލަ 65 މީހުން ޕޮޒިޓިވްވިއިރު އިއްޔެވެސް 17 މީހަކު ޕޮޒިޓިވްވި އެވެ.
ރަށްރަށުގައި ކޭސްތައް އިތުރުވާތީ ބަލީގެ އަލާމާތެއް ފެންނަނަމަ ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ގޮސް ވީހާވެސް އަވަހަށް ސާމްޕަލް ނެގުމަށްވެސް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.