ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަންހެނަކަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަންހެނަކަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ފެންމަތިކުރެއްވުމާ ގުޅިގެންނެވެ.
އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަންހެނަކާ ދެކޮޅަށް ރޭގެ ވަގުތެއްގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ފުލުހުންގެ އެ އަމަލުގެ ސަބަބުން އަންހެން މީހާގެ އަތަށް އަނިޔާއެއް ލިބިފައިވާ ކަން ފާހަގަކުރައްވާ ޝަރީފް ވަނީ އެކްސްރޭ އެއްގެ ފޮޓޯއެއް ވެސް ހިއްސާ ކުރައްވާފަ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އިތުރަށް ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ މަޖިލީހާއި ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.
އާދަމް ޝަރީފްގެ ތުހުމަތާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބަންދުގައި ހުރި އަންހެނަކާ މެދު ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުން ނުވަތަ އެފަދަ ކަމެއްގެ ސަބަބުން އަނިޔާއެއް ވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ފުލުހުންގެ އިދާރާއަށް ލިބިފައި ނުވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ތުހުމަތު ކުރާ ފަދަ ކަމެއް ހިނގާފައިވާނަމަ އެފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން ބެލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބެލުމުގައި ފުލުހުންގެ އިދާރާ އިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންވެސް ވަނީ ދެއްވާފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށްފައި މިވަނީ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އޭނާގެ އާއިލާ އިން ވެސް ފެންމަތި ކޮށްފައިވާ ވަގުތެއްގަ އެވެ.
އަހްސަނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ފުލުހުންގެ އެތެރޭގައި ގާއިމުކޮށްފައިވާ ކަމާ ގުޅޭ ކޮމާންޑްތަކުން ދަނީ ބަލަމުންނެވެ.