ދުނިޔެ

އިޒްރޭލާއި ގްރީކު 1.6 ބިލިއަން ޑޮލަރުގެ ޑިފެންސް ޑީލެއް

އިޒްރޭލުން ގްރީކާއެކު 1.6 ބިލިއަން ޑޮލަރުގެ ޑިފެންސް ޑީލެއްގައި ސޮއި ކޮށްފި އެވެ. އިޒްރޭލުގެ ފަރާތުން މި އެއްބަސްވުމުގަައި ސޮއި ކުރެއްވީ އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން ޑައިރެކްޓޮރޭޓްގެ ވެރިޔާ، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް، ޔައީރު ކުލާސް އެެވެ. ޑިފެންސް މިނިސްޓްރީން ބުނީ މިއީ ދެ ގައުމުގެ ހަޔާތުގައި ވެސް އެއްބަސްވެވުނު އެންމެ ބޮޑު އެއްބަސްވުން ކަމަށެވެ.

ގްރީކާ އިޒްރޭލަކީ ވަރަށް އެކުވެރި ދެ ގައުމެވެ. ބަދަހި ޑިޕްލޮމެޓިކް ގުޅުން އަބަދުވެސް އޮވެ އެވެ. ވިޔަފާރި އާއި ސަލާމަތީ އެހީތެރި ކަމުގައި ވެސް ގާތް އެކުވެރިންނެވެ. މި ދެ ގައުމަކީ ވެސް "އޮގަނައިޒޭޝަން ފޮ ސެކިޔުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް" ގެ ބައިވެރިންނެވެ. ޔޫނިއަން ފޮ މެޑިޓަރޭނިއަން އާއި ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން އަދި ބައިނަލްއަގްވާމީ ބައެއް އެހެން ޖަމިއްޔާތަކުގެ މެމްބަރުންނެވެ.

އިޒްރޭލާއެކު ވި އެއްބަސްވުމުގެ ދަށުން، އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން އެލްބީޓް ސިސްޓަމްސްއާ ގުޅިގެން ގްރީކުގައި އިންޓަނޭޝަނަލް ފްލައިޓް ޓްރޭނިން ސެންޓަރެއް ބިނާ ކުރާނެ އެވެ. އަމަލީ އަދި އިންޖިނޭރިން މަސައްކަތްތައް ރާވައި ބަލަހައްޓާނީ އިޒްރޭލުގެ އެލްބީޓް ސިސްޓަމްސްއިންނެވެ.

ފްލައިޓް ޓްރޭނިން ސެންޓަރުގައި ޓްރޭން ކުރުމަށް މައިގަޑު ގޮތެއްގައި ބޭނުން ކުރާނީ އިޓަލީގެ އެއޮރޮސްޕޭސް ކޮމްޕެނީ، ލިއޮނާޑޯއިން އުފައްދާ އެމް-346 މިލިޓަރީ އެޑްވާންސްޑް ޓްރެއިނާ އެވެ. މިކަމަށްޓަކައި، ގްރީކް – ހެލެނިކް އެއާ ފޯސްއިން ލިއޮނާޑޯ އެމް346 ގެ 10 އެޑްވާންސްޑް ޖެޓް ޓްރެއިނާ ގަންނާނެ އެވެ.

މި ޑީލްގެ ޖުމުލަ އަގަކީ 1.68 ބިލިއަން ޑޮލަރެވެ. އަގު ދައްކާ ނިންމަން ޖެހެނީ 20 އަހަރުންނެވެ. މި އެއްބަސްވުމުގައި ގްރީކުގައި މިހާރު ބޭނުން ކުރެވޭ ބީޗްކްރާފްޓް ޓީ-6އޭ ޓްރޭނާތަކުން ދަބަރު ތަޅައި ސާފުކޮށް އަދި ފެންވަރުމަތި ކުރާނެ އެެވެ.

ގުރީކުގެ ދިފާއު ވަރުގަދަކުރަން މަސައްކަތް ފަށާފައި ވާއިރު ގައުމުގައި އޮތީ ތުރުކީއާ ވާދަ ކުރުމުގެ ރޫހެވެ. ތުރުކީއަށް ވުރެ ވަސީލަތްތައް ޒަމާނީކޮށް އަދި ރަޝިއާއަށް ވެސް އެނގުންވާ ވަރުގެ ގައުމަށް ގްރީކުވުމަކީ އެ ގައުމުގެ އުންމީދެކެވެ.