އެމްޑީޕީ

ބިއްލޫރިގަނޑު ތަޅާލުމުގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލައިފި

Apr 18, 2021
1

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ހެޑް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 14 ވަނަ ދުވަހު ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ.

އެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ހަތަރު ދުވަސް ޖަހައިދީފަ އެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލާފައި މިވަނީ އެ މީހުންގެ ބަންދަށް ޖެހި މުއްދަތު މިއަދު ހަމަވުމާ ގުޅިގެން ކޯޓަށް ހާޒިރު ނުކޮށެވެ. ފުލުހުން ބުނީ އެ މީހުން މިއަދު ދޫކޮށްލީ ތަހުގީގު ނިމި ދައުވާ ކުރެވޭ ވަރަށް ހެކި ލިބުމުން ކަމަށެވެ.

އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ވަކި ސަބަބެއް ސާފުވެފައެއް ނުވެ އެވެ. ނަމަވެސް އެކަން ހިނގީ އިންތިހާބާ ބެހޭ މައި މަރުކަޒުގެ ކައިރީގައި މިދިޔަ އަންގާރަ ދުވަހު ބޮޑު ހަމަނުޖެހުމެއް ހިނގި ފަހުންނެވެ.

ވޯޓް ފޮށިތަކެއް އަލުން ގުނަން ނިންމުމުން އިދިކޮޅު ސަޕޯޓަރުން އިންތިހާބާ ބެހޭ މަރުކަޒު ކައިިރިއަށް އެއްވެފައި ވަނިކޮށް މަސްރަހު އިތުރަށް ގޯސްވީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު އެ ސަރަހައްދަށް ވަޑަައިގަތުމުންނެވެ.