ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރާނަމަ މިހާރު އޮތް މަޖިލީސް އުވާލާ އާ މަޖިލީހެެއް ހޮވަން ޖެހޭނެ ކަމަށް ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރު އަދި ގާނޫނު އަސާސީ އެކުލަވާލި ކޮމެޓީގެ މުގައްރިރް އިބްރާހިމް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ވަރަށް ނުސީދާކޮށް ރައީސް ނަޝީީދު ދައްކަވަމުން ގެންދެވާ ވާހަކަފުޅު ރޭ ވަނީ ވަރަށް ބޮޑަށް ތިލަ ކުރައްވާ ފާޅު ކުރައްވާފަ އެވެ. ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވެފައެވެ.
ނަޝީދުގެ އެ މެސެޖަށް އިޝާރާތް ކުރައްވާ އިބްރާހިމް އިސްމާއީލް ވިދާޅުވީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރާނަމަ މިހާރު އޮތް މަޖިލީސް އުވާލާ އާ މަޖިލީހެެއް ހޮވަން ޖެހޭނެ ކަމަށެވެ. އަދި މިހާރު މަޖިލީހުގައި ވަޒީރުކަން ހަވާލު ކުރެވޭނެވަރުގެ އެއްވެސް ބޭފުޅަކު ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
"އަހަރެން މެންބަރު މުހައްމަދު ރަޝީދު [ބޯދިގު] މަޖިލީހަށް ހޮވަން ވޯޓް ދިނީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ގާނޫނު ހަދާ މަޖިލީހުގައި ބައިންދަން. ބޮޑުވަޒީރަކު ހޮވައިގެން ވެރިކަން ހިންގަން އުޅޭކަން ނޫން،" އިބްރާ ނިސްބަތްވާ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރަށް ޓެގް ކުރައްވާ އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ ރައްޔިތުން ނިންމާފައި އޮތް ކަމެއް މަޖިލީހަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.
"ހައިސިއްޔަތު އޮޅިގެން މިހާރު ތި އުޅުއްވަނީ. އަންނި [ރައީސް ނަޝީދު] މަޖިލީހުގައި އިންނެވީ އެންމެ ދާއިރާއެއް ތަމްސީލު ކުރަން،" ބަރުލަމާނީ އަކަށް ފުރޮޅާލަން ނަޝީދު ކުރައްވާ މަަސައްކަތްޕުޅަށް ފާޑުވިދާޅުވަމުން އިބްރާ ވިދާޅުވި އެވެ.
ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.