ދުނިޔެ

ނިއުކްލިއާ މަރުކަޒަށް ހަމަލާދިން މީހާ ހޯދަން އީރާނުން އިންޓަޕޯލް އެހީ ހޯދަނީ

އީރާންގެ ނަތަންޒް ނިއުކްލިއާ މަރުކަޒަށް ހަމަލާދިން މީހާ ހޯދަން އިންޓަޕޯލްގެ އެހީއަށް އެދިއްޖެ އެވެ. ހަމަލާ ދިން ކަމަށް އީރާނުން ފާހަގަ ކޮށްފައި ވަނީ 43 އަހަރުގެ ރިޒާ ކަރީމީ އެވެ. އެއީ އީރާން ރައްޔިތެކެވެ. އީރާނުން ބުނީ އެ ހަމަލާއަކީ އިޒްރޭލުގެ ޖާސޫސީ ރޭވުމެއް ކަމަށެވެ.

އީރާންގެ ގައުމީ ޓީވީން މި ހަމަލާ ތަފުސީލު ކުރަމުން ބުނީ ރިޒާ ކަރީމީއާ ބެހޭ ގޮތުން އިންޓެލިޖެންސް މިނިސްޓްރީން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ އަމަލުތައް ހުރި ގޮތް ބަލައި ފާރަލަމުން އަންނަ ކަމަށެވެ.

އީރާނުން ބުނީ ހަމަލާ ދިނުމުގެ ކުރިން ކަރީމީ ފިލާފައިވާ ކަމަށާއި އޭނާ މީގެ ކުރިން ގަތަރާއި ރޮމޭނިއާ، ތުރުކީ، ޔުގެންޑާ އަދި ޔޫއޭއީއަށް ދަތުރު ކޮށްފައިވާ ކަމަށެވެ.

ރިޒާ ކަރީމީއާބެހޭ ގޮތުން އެނގެން ހުރި މައުލޫމާތަށް ރިއާޔަތްކޮށް އޭނާ މިހާރު އުޅޭނެ ތަނެއް އަންދާޒާ ކުރެވިފައިވާ ކަމަށް އީރާނުން ބުނެ އެވެ. އަދި ބުނީ އޭނާ ހައްޔަރު ކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އީރާނުން ބުނީ ރިޒާ ކަރީމީ ހޯދަން އިންޓަޕޯލް އެހީއަށް އެދިފައިވާނެ ކަމަށާއި އޭނާ ހުރި ތަނަކުން ހޯދައިގެން ގެންނާނެ ކަމަށެވެ. އެހެން ނަމަވެސް އިންޓަޕޯލް އޮންލައި ޑާޓާބޭސްގައި ރިޒާ ކަރީމީ ކިޔާ މީހަކު ހޯދަން މިއިން ދުވަހަލު ލިސްޓް ކޮށްފައެއް ނެތެވެ.

ނަތަންޒް ނިއުކްލިއާ މަރުކަޒަކީ އީރާނުން ޔޫރޭނިއަމް މުއްސަނިދިކުރާ މައި މަރުކަޒެވެ. ބޮޑު ބައި ހުންނަނީ ފަރުބަދައާ އިންވެ ބިމުއަޑީގަ އެވެ.

ނަތަންޒް ނިއުކްލިއާ މަރުކަޒަށް ދިން ސައިބާ ހަމަލާގައި ކަރަންޓް ކަނޑައިގެން ގޮސް އެކިވަރުގެ ގެއްލުން ލިބުނު ކަމަށް އީރާނުން ބުނެ އެވެ. އަދި ހަމަލާ ދިނީ ޔޫރޭނިއަމް ފައްކާކުރާ ނިޒާމްތައް ފެންވަރު މަތިކޮށްފައި ވަނިކޮށެވެ. އިޒްރޭލްގެ ޖަސޫސީ އިދާރާ މޮސާދުން ރާވައިގެން މީގެ ކުރިން ވެސް މި މަރުކަޒަށް ހަމަލާ ދީފައިވެ އެވެ.