ވިޔަފާރި

ސްޕެއިންގެ ގައުމީ އެއާލައިން ރާއްޖެއަށް ދަތުރު ފަށަނީ

Apr 19, 2021

ސްޕެއިންގެ ގައުމީ އެއާލައިން އައިބީރިއާއިން މި އަހަރުގެ ސަމާގައި ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ބުނެފި އެވެ.

އައިބީރިއާ އެއާލައިން އިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ދަތުރު ފަށާނީ މި އަހަރުގެ ޖުލައި މަހު އެވެ. މި ދަތުރުތައް އޮގަސްޓް މަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

މި އެއާލައިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ހަފުތާއަކު ދެ ފްލައިޓް ރާއްޖެއަށް ބާއްވާނެ އެވެ.

އައިބީރިއާ އެއާލައިންގެ އެގްޒެކެޓިވް ޗެއާމަން ހާވިއާ ސެންޗެއިޒް ޕަރީތޯ ވިދާޅުވީ ސަމާގައި މި ދަތުރުތައް ރާއްޖެއަށް ފެށުމާއެކު އެ ގައުމުގެ މާކެޓު ހުޅުވި ދަތުރު ކުރާ ޓޫރިސްޓުން އިތުރުވާނެ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ސްޕެއިން ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް 29 އެއާލައިނަކުން ދަނީ ދަތުރު ކުރަމުންނެވެ. މި އެއާލައިންތަކުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ގިނަ އެއާލައިން ތަކެއް ވެސް ހިމެނެ އެވެ.