ޑރ. އަހުމަދު އަބްދުﷲ ދީދީ

މަޖިލީހުން ނިޒާމު ބަދަލު ކުރުމަކީ އުސޫލާ ހިލާފު ކަމެއް: ދީދީ

ވަކި ނިޒާމެއްގެ ދަށުން އިންތިހާބު ވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުން ކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ދީދީ މިހެން ވިދާޅުވީ ރާއްޖޭގެ ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުވަޒީރު ކަމަށް ޝައުގުވެރި ވިޔަސް ދެކަމެއް ފުރިހަމަވެގެން ނޫނީ އެކަން ހާސިލް ނުވާނެ ކަމަށެވެ. އެގޮތުން ފާހަގަކުރެއްވި ފުރަތަމަ ކަމަކީ ދުސްތޫރީ ހަމަތަކުގެ މަތިން ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމެވެ. ދެވަނަ ކަމަކީ އަލަށް އުފެދޭ ބަރުލަމާނީ ނިޒާމުގެ ދަށުން ރައްޔިތުން އިންތިހާބުކުރާ މަޖިލީހުގެ 50 ޕަސެންޓް މެޖޯރިޓީ ލިބޭ ޕާޓީ ނުވަތަ ކޯލިޝަނެއްގެ ލީޑަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބު ވުމެވެ.

"މިނޫން ގޮތަކަށް ވަކި ނިޒާމެއްގެ ދަށުން އިންތިހާބުވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުސޫލުތަކާއި ހުދޫދު ފަހަނައަޅައި ދިއުން. ރައްޔިތުން އެކަމަކަށް ޖާގަ ނުދޭނެ،" ރައީސް ނަޝީދަށް ރައްދުދެއްވަމުން ދީދީ ވިދާޅުވެފައިވެ އެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި މެސެޖެއްގަ އެވެ. ސޯޝަލް މީޑިއާގައި މިހާރު ދަނީ އެ މެސެޖު ދައުރުވަމުންނެވެ.

މެސެޖުގައި ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް ނަޝީދު ވަނީ ހުށަހަޅުއްވާފަ އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައި، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ.

ބޮޑުވަޒީރު ކަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން ބައެއް ފަރާތްތަކުން ގެންދަނީ އެމަނިކުފާނަށް ފާޑު ވިދާޅުވަމުންނެވެ. ނަމަވެސް ރައީސް ނަޝީދުގެ ޕާޓީ، އެމްޑީޕީން އެ މައްސަލާގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.