ޓެކްނޯލޮޖީ

ޝޯމީ މީ މިކްސް ފޯލްޑް 30،000 ފޯނު، މިނެޓެއް ތެރޭގައި

ޝޯމީއިން ފަތްޖެހި ސްމާޓްފޯނެއް އުފައްދައިފި އެވެ. ނަމަކީ "މީ މިކްސް ފޯލްޑް" އެވެ. މިއީ ފަތްޖެހި ސްމާޓްފޯނެއް އުފައްދަން އެ ކުންފުނިން ކުރި މަސައްކަތުގެ ނަތީޖާ އެވެ. ސްމާޓްފޯން މާކެޓްގައި ބާރުގަދަ ކުޅުންތެރިންނާ އަޅާ ކިޔާ ނަމަ، ހަމަ ގައިމުވެސް ބަލާބަލުމަށް ތަފާތެއް ނެތެވެ.

މީ މިކްސް ފޯލްޑް ބަލާލަން ވަރަށް ރީއްޗެވެ. ފަތްޖެހި ސްމާޓްފޯން މާކެޓްގައި މިހާރު ހުރި ފޯނުތަކަށް ބަލާއިރު، ފޯނުގައި އަތްލަން ފުރުސަތު ލިބުނު މީހުން ބުނަނީ، އެއްވަނަ ފޯނަކީ މިއީ ކަމަށެވެ.

ޝޯމީން ބުނީ ފޯނު ވިއްކަން ޗައިނާ މާކެޓަށް ނެރުނު ފުރަތަމަ މިނެޓް ތެރޭގައި 30،000 ޔުނިޓް ވިކުނު ކަމަށެވެ. މިއީ ފަތްޖެހި ސްމާޓްފޯނަކާ އަޅާ ބަލާއިރު ގިނަ އަދަދެކެވެ. ޝޯމީ ކަހަލަ ޗައިނާ ކުންފުންޏަކަށް ދެރަބަސް ބުނާ މީހުން ބުނާނީ އެވަރަށް ނުވިކޭނެ ކަމަށެވެ.

ޗައިނާ ސްމާޓްފޯން ކުންފުނިތަކުން، ޝޯމީއާ ވަންޕްލަސް ވެސް ހިމެނޭ ގޮތުން ފެންނަނީ ފެންވަރު ރަނގަޅު ފޯނުތައް ހެޔޮއަގުގައި ވިއްކާތީ އެވެ. އަނެއްކޮޅުން މާކެޓްގެ ލީޑަރުން އުފައްދާ ފޯނުތަކަށް ވުރެ ގިނަ ދުވަނު މިފޯނުތައް ބޭނުންކުރެވޭ ކަމަށް ވެސް ވެއެވެ.

ޝޯމީ މީ މިކްސް ފޯލްޑްއާ މެދު އަދި ވެސް ބުނަން ބޭނުންވަނީ ވަރަށް ރީތި ފޯނެއް ކަމަށެވެ. ފަތްޖަހާފައި އޮންނައިރު އެމޯލެޑް ސްކްރީން ހުންނަނީ މެޅީފަ އެވެ. އިސްކޮޅުގައި 6.52 އިންޗި ހުރެ އެވެ. އަތަށް ވަރަށް ހެޔޮވަރު ކަމަށް ވެ އެވެ. މިފޯނުގެ ސްކްރީން ރިޒޮލޫޝަނަކީ 2520 ގުނަ 840 ޕިކްސެލް އެވެ. ރިފްރެޝް ރޭޓަކީ 90 ހާޓްޒް އެވެ.

ޝޯމީ މީ މިކްސް ފޯލްޑްގެ ގްލޯބަލް ފޯނު ނެރޭނެ ތާރީޚެއް އެކުންފުނިން އަދި ނުބުނެ އެވެ.