(16 އޭޕްރިލް 2021 އާ ގުޅޭ)
ދޮޅި އަޅައިގެން އިން ޖަންނަތު، ކަޅި ޖަހައި ނުލައި ބަލަން އިނީ ލަބީބަށެވެ. ހަށިފުރާ ނޭވާއެއް ލަމުން ލަބީބު ކޮޓަރިއަށް ވަދެ، ދޮރު ލެއްޕިއެވެ.
"ޖަނާ!" ހައިރާންވެ ހުރެ ލަބީބު ގޮވައިލިއެވެ. ޖަންނަތު އިސްޖެހީ ކުށްވެރިއެއް ފަދައިންނެވެ. ހަމަ އެއާ އެކު، ޖަންނަތުގެ ދެލޯ ތެތްމައިލީ ކަރުނައިގެ ތިކިތަކުންނެވެ.
"ބަލަ ޖަނާ! ރޮނީތަ؟" ލަބީބުގެ ފިޔަވަޅުތަކަށް ހަލުވި ކަމެއް އައެވެ. ލަބީބު ނިކަން އަވަހަށް އައިސް، ޖަންނަތުގެ ގާތުގައި އިށީންނެވެ.
"ޖަނާ.." ޖަންނަތުގެ އިސް ނަގަމުން، ލަބީބު ދެލޯ ބޮޑު ކޮށްގެން ބަލައިލީ ޖަންނަތުގެ ސީދާ މޫނަށެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ، ޖަންނަތު އިނީއެވެ.
"ޕްލީޒް ޖަނާ.. ކަމެއް ވީތަ؟" ޖަންނަތުގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފެނުމުން، ލަބީބު ހަމަ ޙަޤީޤަތުގައި ވެސް ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. އަދި ޖަންނަތު ނަމާދަށް އިނުމުން، އިތުރު ސުވާލުތަކެއް ލަބީބުގެ ސިކުނޑި ތެރެއަށް ފުނި ޖެހެން ފެށުނެވެ. މި ހުރިހާ ކަމެއް ކުއްލިއަކަށް ވުމުންނެވެ.
***
ފެންވަރައިލައިގެން އައިޝާ އައިސް އޮށޯވެލީ ނާއިކާ ޖެހިގެންނެވެ. އެވަގުތު ނާއިކު އޮތީ ވަރަށް ބޮޑަށް އޭނާގެ ފޯނަށް ސަމާލުކަން ދީގެންނެވެ.
"ނާއިކު.." އައިޝާގެ އަޑު ނާއިކަށް އިވުނުހެން އޭނާއަށް ހީވެސް ނުވެއެވެ.
"ނާއިކު.." ދެވަނަ ފަހަރަށް އައިޝާ ގޮވައިލީ ތަންކޮޅެއް ބާރަށެވެ. އައިޝާގެ އެއް ލޮލުން ފޯނަށް ކަޅިއެއް ދެމުންނެވެ.
"ކީކޭ؟ އާޝާ؟" ފޯނު އެނދުމަތީގައި ބަންޑުން ބޭއްވުމަށްފަހު، ނާއިކު ހިފައިލީ އާޝާގެ އަތުގައެވެ.
"ނާ.. އިކު. ސްނެޕް ވެސް ޔޫސް ކުރަންތަ؟" އައިޝާގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ.
"ޔެސް! ވައި؟" ނާއިކު ހަމަޖެހިލާފައި އަހައިލިއެވެ.
"ނަތިންގ.. އަހަރެންނަށް ކުރިން ނޭނގޭތީ އެކަން.." އައިޝާ ދެލޯ މަރައިލަމުން ބުނެލިއެވެ.
"އޯހް! ނިދަނީތަ؟" ނާއިކުގެ އަތުން އައިޝާގެ ބޮލުގައި ފިރުމައިލިއެވެ.
"އާނ! ގުޑް ނައިޓު.." ބާލިހުގައި ބައްދައިލަމުން އައިޝާ ނިދަން މަސައްކަތް ކުރިއެވެ.
***
"ލަބީބު.. އައިމް ސޮރީ.. ރިއަލީ ސޮރީ.." ވަގުތު ކޮޅެއްގެ ހިމޭން ކަމަކަށް ފަހު ޖަންނަތަށް ހަމަ ރަނގަަޅަށް ވެސް ރޮވޭ ގޮތްވިއެވެ. ޖަންނަތުގެ ދެލޮލުން ފެންނަނީ ވަރަށް ފުން އަސަރު ތަކެއް ކަން ލަބީބަށް ކަށަވަރު ވިއެވެ.
"ބުނެބަލަ ޖަނާ! ކިހިނެއްތަ ވީ؟ އަހަރެން ވަރަށް ދެރަވޭ ޖަނާ ތިހެން ދެރަވެފަ އިންނަ ތަން ބަލަން.." ލަބީބުގެ ކަނާ އަތުން ޖަންނަތުގެ ކޮނޑުގައި ފިރުމަން ފެށީ، ވަރަށް ބޮޑަށް ހާސްވެގެން އިނދެއެވެ.
"އަހަރެންނަށް މި އުޅެވުނީ ރަނގަޅަކަށް ނޫން. އަހަރެން ބޭނުން އިސްލާހު ވާން.. އަހަރެން.." ޖަންނަތުގެ ބަޑި ފަަޅައިގެން ދިޔައެވެ. ލަބީބުގެ ގަޔާ ޖަންނަތު ގާތް ކޮށްލަމުން، ލަބީބުގެ ދެ އަތުން ޖަންނަތުގެ ހަށިގަނޑު ވަރަށް ލޯބިން ވަށައިލިއެވެ.
"އަހަންނަށް އިނގޭ. އަހަރެންނަށް ލަބީބާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. މަންމައާ ދޭތެރޭ ވެސް. ލައިބާއަށް ވެސް އިވެން ނުޖެހޭ އެތައް އެއްޗެއް އަހަރެންގެ ފަރާތުން ހުންނާނެ އިވިފި.." ޖަންނަތުގެ ލޮލުން ދިޔައީ ހޯސްލާފައި ކަރުނަތައް ފައިބަމުންނެވެ.
"ލަބީބު. އަހަންނަށް މާފު ކުރޭ! އަހަރެން.. އަހަރެން ކުށް ޤަބޫލުކޮށްފިން.." ޖަންނަތަށް ހެޔޮ ވިސްނުން ލިބުނީ ކަމުގައި ބަލައި، ލަބީބު ވަރަށް އުފާވެއްޖެއެވެ. ލިބުނު އުފަލާ އެކު، ހިތުގެ އަޑިން އަލްޙަމުދުﷲ ކިޔައި، ޖަންނަތުގެ ގައިގައި ލަބީބު އޮޅުލައިގަތެވެ.
***
ދުވަސްތައް މާޒީގެ ޞަފުހާތަކަށް ބަދަލުވަމުން ދިޔައެވެ. ޖަންނަތު އާއި ލަބީބުގެ ޙަޔާތަށް ވަނީ މުޅިން އައު ބާބެއް އަތުވެފައެވެ. އެ ދެމީހުންގެ ދިރިއުޅުން ވަނީ ފުން "ލޯތްބެއް"ގެ ތެރެއަށް މުޅިން ޣަރަޤުވެފައެވެ. ޖަންނަތާއި ލަބީބުގެ ލޯބި ދިރިއުޅުން ފެނި ރަޝީދާއަށް ލިބިފައި ވަނީ ބަޔާން ނުކުރެވޭ ފަދަ ބޮޑު އުފަލެކެވެ. ރަޝީދާގެ އަބަދުމެ ދުޢާ އަކީ ޖަންނަތަށް ހެޔޮ ވިސްނުން ދެއްވުމެވެ. އެ ދުޢާ އިޖާބަ ކުރެއްވުމުން ރަޝީދާގެ އިޙްސާސްތައް ވަނީ އުފަލުން ގޮސް ކޮޅުންލާ ގާތްވެފައެވެ. ލައިބާގެ ފަރާތުން ވެސް ފެންނަނީ އުފާވެރި ކަމެވެ. އެތައް ދުވަހަކަށްފަހު، މަންމަ އާއި ބައްޕަގެ ލޯބި އެކުއެކީގައި ލިބެން ފެށީމައެވެ.
އައިޝާ އާއި ނާއިކު ވެސް ވަރަށް ލޯބިން އެކުގައި ދުވަސްތައް ހޭދަ ކުރަމުން ގެންދިޔައެވެ. އައިޝާ ފަދަ ދީންވެރި، ވަފާތެރި އަންބެއް ހުރެމެ، ނާއިކު ގެންދިޔައީ އެކި އަންހެނުންގެ ފަރާތުން، އެކި ފަހަރު މަތިން ވަގުތީ އެތައް އުފާތަކެއް ހޯދަމުންނެވެ. ސިއްރުސިއްރުން ވާހިދާއާ ބައްދަލުކޮށް، ފޯނު މެދުވެރިކޮށް މަލާކަށް ވެސް އެތައް ވަގުތެއް ނާއިކު ގެންދިޔައީ ހުސް ކުރަމުންނެވެ. ރާއްޖޭގެ ޔޫތު މިނިސްޓަރު ކަމުގެ ޒިންމާ އަދާ ކުރަމުން ވެސް، ނާއިކު ގެންދިޔައީ ހުރިހާ ކަމެއް ވަރަށް ތަރުތީބުން ގެންދެވޭތޯ މަސައްކަތް ކުރަމުންނެވެ.
***
ރާއްޖެއިން ބޭރުން ކިޔެވުމަށްފަހު ނާއިކު މާލެ އައިތާ 3 މަސް ފާއިތުވެއްޖެއެވެ. ނާއިކުގެ ގިނަ ވަގުތުތަކެއް އޭނާ އޮފީހުގައި ހޭދަ ކުރިޔަސް، ޢާއިިލާއަށް ނާއިކު ގެންދިޔައީ ފުރިހަމައަށް ވަގުތު ދެމުންނެވެ.
"ނާއިކު.." ލޯގަނޑު ކުރިމަތީގައި ރީތި ވާން ހުރި އައިޝާ ބަލައިލީ އެނދުގައި އިށީންދެގެން އިން ނާއިކަށެވެ.
"ކީކޭ އާޝާ؟" ފޯނަށް ގެއްލިފައިވާ ނާއިކު ނިކަން އަވަހަށް މިފަހަރު ޖަވާބު ދިނެވެ.
"ހިނގާބަލަ! ދުއްވާލަން ދާން މިއަދު. މިހާރު ދުވަސްކޮޅެއް ވެއްޖެއްނު ބޭރަށް ނުދާތާ." އައިޝާ ހިނިތުންވެފައި ހުރެ ވާހަކަދައްކަމުން ދިޔައެވެ.
"އެއްކަލަ އާޝާ.. ބުނެފާނެ ކޮންމެ ފަދަ ކަމެއް ކުރަން ވެސް.. އަހަރެން ހީކުރީ މިއޮތްހާ ދުވަހު ރައިޑަކަށް ދާން ނުބުނީ އާޝާއަށް ގެޓު ވެގެން ކަމަށް.." ނާއިކު ބުނަން އުޅުނު އެއްޗެއް އައިޝާއަކަށް ނޭނގުނެވެ.
"ތިބުނީ؟" އައިޝާ އައިސް އިށީންނީ ނާއިކުގެ ގާތުގައެވެ.
"މިބުނީ.. އާޝާއަށް އެނގެއެއްނު؟ އަހަރެން މިކަހަލަ މަޤާމެއްގަ ހުރެ ނައިސް އެއް ނޫން ދޯ؟ އެހެން ރައިޑް ތަކަށް ދާކަށް. އަންޑަސްޓޭޑް ވެއެއްނު؟ އަސްލު ހީކުރީ ތި ނުބަނަނީ ވެސް އެކަން އެނގޭތީ ކަމަށް.." ނާއިކު ދެއްކި ވާހަކައިން އައިޝާ ދެރަވިއެވެ. ނަމަވެސް އެކަން ނާއިކަށް ދައްކާކަށް އައިޝާ ބޭނުން ނުވީއެވެ.
"ސޮރީ.. އަހަރެންނަށް ނޭނގުނީ.." އައިޝާ ވަރަށް އަވަހަށް ބުނެލިއެވެ. ނަމަވެސް އައިޝާގެ ހިތުގައި ދިޔައީ އެތައް ޝަކުވާއެއް ކުރަމުންނެވެ.
***
"މަންމާ.. އަހަރެން މާދަން މާލެ ދަން.. ވަރަށް އުފާވެފަ މިހުންނަނީ އެކަމާ.. މަންމަ އަންނާނަންތަ އެއާރޕޯޓަށް.." މަލާކު ނިކަން އުފާވެފައި ވާހަކަ ދައްކަމުން ދިޔައީ އޭނާގެ މަންމަ ވާހިދާއާ އެވެ.
"ދަރިފުޅު ދައްކާ ވާހަކަ ތި ހުންނަނީ! މަންމަ ދާނެއްނު. ދަރިފުޅުގެ ބައްޕަ ގާތު ވެސް ބުނެލައްޗޭ! ހަދާ ގޮތެއް ބަލާލަން." ވާހިދާ ނިކަން އުފާވެފައި ފޯނުން ވާހަކަދައްކަމުން ދިޔައެވެ.
މަލާކު ބޭރުން ކިޔަވާ ނިންމައިގެން ރާއްޖެ އަންނަކަން ނާއިކަށް ވެސް ވަނީ އެނގިފައެވެ. ވާހިދާ ފަދައިން ނާއިކު ވެސް ހުރީ އެކަމާ ވަރަށް ބޮޑަށް އުފާވެފައެވެ. އެތައް ދުވަހަކަށްފަހު މަލާކާ ބައްދަލުވެވޭތީއެވެ.
***
"ލަބީބު.." ލަބީބާ ޖެހިގެން ހުރި ސޯފާގައި އިށީންނަމުން ޖަންނަތު ބަލައިލީ ލަބީބުގެ މޫނަށެވެ. އެވަގުތު ސިޓިންގރޫމްގައި ރަޝީދާ ވެސް އިނެވެ.
"މަންމާ.. ލަބީބު.." ޖަންނަތުގެ ވަރަށް މަޑުން އޭނާގެ މަންމަ އާއި ފިރިމީހާއަށް ގޮވައިލިއެވެ. ކިހިނެއްވީ ތޯ އަހާ ފަދަ ގޮތަކަށް އެދެމީހުން ވެސް ބަލަން ތިބީ ޖަންނަތުގެ މޫނަށެވެ.
"އަހަރެން.. އަހަރެން ބަނޑު.. ބޮޑު" ޖަންނަތު އެހެން ބުނެ، ލަދުން ހީނލަމުން އިސްޖެހިއެވެ.
"ކީކޭ؟ ބަނޑު ބޮޑޭ؟ އަހަރެމެންނަށް އިތުރު ދަރިއަކު ލިބެނީތަ؟" ލަބީބު އުފަލުން ސޯފާއިން ތެދުވިއެވެ. ރަޝީދާ ވެސް ލިބުނު އުފާވެރި ޚަބަރުން ހުރީ ހެވިދިލިފައެވެ. ޖަންނަތު ހިނިތުންވެގެން ހުރެ، ޖަވާބު ދިނުމުގެ ގޮތުން ބޯ ޖަހައިލުމާ އެކު، ލަބީބު ވަރަށް ލޯބިން ޖަންނަތު އުރައިލިއެވެ. (ނުނިމޭ)