މުހައްމަދު ސައީދު

ފައިސާ ޗާޕްކޮށްފިނަމަ ދައުލަތް ބަނގުރޫޓް ވެދާނެ: ސައީދު

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި އަނެއްކާވެސް ފައިސާ ޗާޕްކުުރަން ވެއްޖެނަމަ ދައުލަތް ބަނގުރޫޓްވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓު ނުވަަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން މަޖިލީހުގައި އެދިފައިވާތީ އެކަމާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން ނެވެ.

ނިމިގެން ދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވި ސައީދު މިއަދު ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުން ތިން މާއްދާ ސަސްޕެންޑްކުރަން ބުނުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. ފިނޭންސް މިނިސްޓްރީން އެދިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭރު އެ ތިން މައްދާ ސަސްޕެންޑް ކުރީ އެއް އަހަރަށެވެ. އެެހެންވެ އަނެއްކާވެސް އެ މައްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑްކުރަން ވަނީ އެދިފަ އެވެ.

ސައީދު ވިދާޅުވީ ދައުލަތުން އިތުރު ހަރަދުތަކެއްް ކުރަން އަނެއްކާވެސް ހުއްދަ ދޭއިރު މަޖިލީހުން އޭގެ ޒިންމާ ކުރިއަށް ވުރެ ބޮޑަށް ނަގަން ޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮވެ ވަރަށް ފަސޭހައިން އެކަން ފާސްކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް މިއީ އެހާ ފަސޭހައިން ދިރާސާނުކޮށް ނިންމާވަރުގެ ކަމެއް ނޫން ކަމަށެވެ.

ރާއްޖެއަށް މިހާރުވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަމުންދާއިރު އޭގެ ޓެކްސް ފައިސާއިން ކުރާ ކަންތައްތައް ބަލައި އެކަށީގެންނުވާ ހަރަދުތައް ކުރޭތޯ ބަލަން ސައީދު ސަރުކާރަށް ގޮވާލެއްވި އެވެ.

" މި މައުލޫ [ ފައިސާ ޗާޕްކުރުމުގެ މައްސަލަ] އެބަ ޖެހޭ ތަންކޮޅެއް ތަސައްރަފް ފުދޭގޮތަށް ދިރާސާކުރަން. ގައުމު އޮތީ އެންމެ ރަނގަޅު ހާލަތެއްގައި ނޫންކަން އަޅުގަނޑުމެން ގަބޫލްކުރޭ . ކަމަރު ބާރުކުރަން ޖެހޭ ކަމަށް. އެހެން ނޫންނަމަ ދައުލަތް މިހާރު މިއޮތް ހިސާބުން އިތުރަށް ސޮއްސާލައި ބަނގުރޫޓްވުމުގެ ބިރު އުފެދިގެންދާނެ. ބޭކާރު ހަަރަދުތައް ކުރުމުގެ ފުރުސަތުތައް ފަހިވެގެން ދާނެ" ސައީދު ވިދާޅުވި އެވެ.