ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލަ މިއަދު ބަލައިގެންފި އެވެ.
މައްސަލަ ބަލައިގެންފައިވީ ނަމަވެސް އަޑުއެހުންތައް ފަށާނެ ވަކި ދުވަހެއް ސުޕްރީމް ކޯޓުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
ދަށު ކޯޓާއި ހައިކޯޓުން ރައީސް ޔާމީނާ ދެކޮޅަށް މައްސަލަ ނިންމުމުން ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މީގެ ދެ ހަފްތާއެއް ކުރިންނެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަތުމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ދަށު ކޯޓާއި ހައިކޯޓުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލާގައި، ހަދާފައި ހުރި ގޯސްތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް ޔާމީން ވަނީ ޝަރީއަތް ނިމެންދެން ޕެރޯލް ދަށުން އެމަނިކުފާނު މިނިވަންކުރުމަށްވެސް ހުށަހަޅުއްފަ އެވެ. އެކަމަކު ދަށު ކޯޓާއި ހައިކޯޓުގައި އެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ ސުޕްރީމް ކޯޓުގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން ނުހައްގު ތަހުގީގުތަކަކާއި ދައުވާތަކެއް މިސަރުކާރުން ކުރިއަށް ގެންދަނީ ސިޔާސީ ބޭނުމެއް ކަމަށެވެ.
ރައީސް ޔާމީން މިނިވަންކުރުމަށާއި ގެއަށް ބަދަލުކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ގެންދަނީ ސިލްސިލާ މުޒާހަރަތަކެއް ވެސް ކުރަމުންނެވެ.