ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓް ނަގަން ނިންމާ އެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އާދަމް ވިދާޅުވީ އިންތިހާބާ ގުޅިގެން ލިބިފައިވާ ޝަކުވާތަކާއި ގުޅިގެން އެ ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ދެ ރަށެއްގައި އަލުން ވޯޓް ނަގަން ނިންމާފައިވާ ކަމަށެވެ. އެއީ ގާދިއްފުއްޓާއި މާވަށެވެ.
ޝަރީފް ވިދާޅުވީ ގާދިއްފުށީގައި ދާއިރާ ނޫން ދެ މީހަކު ވޯޓް ލާފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. އެއީ ލ. ކުނަހަންދޫ މީހަކާއި، ރ. އިންނަމާދޫ މީހެއް ކަމަށްވެސް ވިދާޅުވި އެވެ.
"މި ދެ މީހުން ވަނީ އޮޅިގެން ކަރުދާސްކޮޅެއް ދެވުނީމަ ގާދިއްފުށީގެ ފޮއްޓަށް ވޯޓް ލާފައި،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ގާދިއްފުށި ކައުންސިލްގައި އަންހެނުންނަށް ހާއްސަކުރި ގޮނޑިއަށް ވާދަކުރި ދެ ކެންޑިޑޭޓެއްގެ ދެމެދުގައި ދެ ވޯޓް ތަފާތު ހުރިއިރު ދާއިރާއިން ބޭރުން ވޯޓްލީ ދެ މީހުން ވޯޓް ދިނީ ކޮން ގޮތަކަށްކަން ސާފުނުވާތީ އެރަށުގައި ބެހެއްޓި ވޯޓް ފޮށިތަކުގެ ތެރެއިން އެން-9 ވޯޓްފޮށީގެ ވޯޓް އަލުން ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވޯޓް ނަގާނީ ދެ ވޯޓްގެ ތަފާތު ހުރި ދެ ކެންޑިޑޭޓްގެ ދެމެދުގައި ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ލ. މާވަށުގައި ބެހެއްޓުނު ވޯޓް ފޮއްޓަކަށް ދާއިރާ ނޫން މީހަކު ވޯޓް ލާފައިވާ ކަމަށެވެ. އެ ރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ދެ ކެންޑިޑޭޓުންނަށް ވޯޓް ލިބިފައިވަނީ އެއް ވަރަކަށް ކަމަށާއި އެހެންކަމުން އެ ދެ ކެންޑިޑޭޓުންގެ މެދުގައި އެ ރަށުގައި ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މާވަށު ކައުންސިލަށް ކުރިމަތިލި ދެ ކެންޑިޑޭޓެއްގެ ވޯޓް އެއްވަރު ވެފައިވާތީ އެ ދެ ކެންޑިޑޭޓުންގެ މެދުގައި ވެސް އަލުން ވޯޓް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އިންތިހާބުގެ އާ ބުރެއް އެ ދެ ރަށުގައި ކުރިއަށް ގެންދިޔަ ނަމަވެސް އިންތިހާބުގައި ވޯޓް ދެވޭނީ ކުރީން ވެސް ވޯޓް ލިސްޓްގައި ހިމެނުނު މީހުންނަށް ކަމަށެވެ. އަދި ވޯޓްލާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.