އަލީ ވަހީދު

ރެޑް ނޯޓިސް ނެރެގެން ނަމަވެސް އަލީގެ ޝަރީއަތް ފަށާނަން: ޕީޖީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ނަމަވެސް މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ދައުވާކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ބޭރަށް ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ކުރިއަށް ނުގެންދިޔަ ކަމަށެވެ. ހައިކޯޓުން އެގޮތަށް އަމަލު ކުރީ އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެސް ދައުލަތަށް ބުނެދެވިފައި ނުވާތީ ކޯޓުގެ ޗިޓް ރައްދު ނުކުރެވިގެން ކަމަށް ހައިކޯޓުން ބުނެ ކަމަށެވެ. އެކަމަކު އެފަދަ ހާލަތްތަކުގައި ހައިކޯޓުން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކޮށްފައި ނުވާ ކަން ޕީޖީ ފާހަގަކުރައްވަ އެވެ.

"އެކަމާ ގުޅިގެން ހުރޭ ހައިކޯޓުގެ ގަވާއިދުގައިވެސް އަދި ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވައިދުގައިވެސް އުސޫލުތަކެއް. އެއީ މީހާކު ކޯޓަށް ހާޒިރު ނުވިއްޏާ އަމުރެއް ނެރެގެން ބަންދުގައި ބަހައްޓައިގެން އެ މީހަކު ކޯޓަށް ހާޒިރުކުރުން.އެ ޕްރޮސެސް ހިންގަވާފައި ނެތް ކަމަށް އަޅުގަނޑުމެންނަށް ފެނުނީ ހައިކޯޓުން މައްސަލަ ނިންމިއިރު،" ހައިކޯޓުގެ ނިންމުމާ މެދު ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވެ ދެއްވި އެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި މިހާރު އިލްތިމާސް ކޮށްފައިވާތީ މައްސަލަ ބަލައިގަނެ، ދައުލަތުން އެ މައްސަލާގައި ވާހަކަދައްކަން ފުރުސަތު ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މައްސަލަ ބަލައިގެންފިނަމަ ހަތް ދުވަސް ތެރޭގައި އެ މައްސަލާގައި ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ލާޒިމުވާތީ ދައުލަތުން އެދޭ ގޮތަށް އަމުރުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ޕީޖީ ޝަމީމް އިތުރަށް ވިދާޅުވީ އަލީ ވަހީދު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ އެޑްރެސް ނޭނގިގެން ކޯޓަށް ހާޒިރު ނުކުރެވޭނަމަ އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ނަމަވެސް ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަލީ ވަހީދު ފުރައިގެން ދިޔައީ ދައުވާ ކޮށްފައިވަނިކޮށް ކަމަށްވާތީ މައްސަލަ ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"އަމުރު ނެރޭއިރު ހަމައެކަނި އަޅުގަނޑުމެން ރާއްޖެއަކު ނޫން އަމުރު ނެރެވޭނީކީ. އިންޓަޕޯލް ރެޑްނޯޓިސްއާއި އެކަހަލަ ބައިވަރު އިންޓަނޭޝަނަލް ކަންކަން އެބަހުރި އަޅުގަނޑުމެންނަށް ކުރެެން. އެހެންވީމަ އެ ހުރިހާ އެވެނިއުއެއް އަޅުގަނޑުމެން އެކްސްޕްލޯ ކުރާނަން،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފަ އެވެ. މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެ އިން ބޭރަށް ދަތުރުކުރެއްވުމަށް ކޯޓުން ހުއްދަ ދިނީ އޭނާގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދަވަންޖެހޭ ކަމަށް ވިދާޅުވެ ޑރ. ޔޫސުފް ޝާން ދެއްވި ހެކިބަހަށް ބެއްލެވުމަށްފަހު އެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނީ ހަތަރު މަސް ތެރޭގައި އޭނާ އެނބުރި ރާއްޖެ ވަޑައިގަތުމަށް އެއްބަސްވެވަޑައިގަތުމުން ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ އެ މައްސަލަ އަށް ޖާމިނުވުމުންނެވެ.