ޑރ. އަހުމަދު ޒިޔާދު ބާގިރު

ޒިކުރާ މިސްކިތުގެ އެއްބަސްވުމުގައި ވަނީ އިދާރީ އޮޅުމެއް: ޒިޔާދު

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރި އެއްބަސްވުމުގައި ވަނީ އިދާރީ އޮޅުމެއް ކަމަށްވާތީ މައްސަލަ ބާތިލް ކޮށްދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ ގާނޫނީ ވަކީލް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.

ވަކީލް އެކަމަށް އެދިވަޑައިގެންނެވީ ޑރ. ޒިޔާދު އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޖޭ ކޮންސްޓްރަކްޝަނަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދެއްކި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގަ އެވެ.

ދައުލަތުން ބުނާ ގޮތުގައި ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ހިލާފަށް އެއްބަސްވުން ގާއިމުކޮށް އެކުންފުންޏަށް 30 މިލިއަން ރުފިޔާ ދިނީ ދައުލަތަށއ ގެއްލުންވާ ގޮތަށެވެ. .

މި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ޒިޔާދުގެ ފަރާތްޕުޅުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާތާރެއް އަޅައި އޭގެތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮތް ނަމަވެސް އެއްބަސްވުމުގައި ވަނީ ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށެވެ. އެއްބަސްވުމުގައި ހައެއްގެ ބަދަލުގައި ހަތެއް އޮތީ ލިޔުމުގެ ކުށަކުން ކަމަށް ޒިޔާދުގެ ގާނޫނީ ވަކީލް ނޫރުލްސަލާމް އަބޫބަކުރު ވިދާޅުވި އެވެ.

"ދައުވާ ކުރުމުގެ މާ ކުރިން ޒިޔާދު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވިއިރު އެއީ އޮޅުމެއްކަން އެނގިވަޑައިގެން އެކަން އިސްލާހުކުރައްވަން މަސައްކަތް ކުރެއްވި. އެކަން އިސްލާހު ކުރައްވަން މަސައްކަތް ކުރެއްވިކަން ލިޔުމުން ފެންނަން އެބޮތް،" ދިފާއީ ވަކީލް ވިދާޅުވި އެވެ.

މިކަމުގެ ރައްދުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން އެފަދަ ބޮޑު އެއްބަސްވުމެއްގައި ސޮއިކުރެއްވިއިރު ރަނގަޅަށް ބަލާނުލައި ސޮއިކުރެއްވުމަކީ އިހުމާލެއް ކަމަށެވެ. އަދި މި އިމާރާތުގެ ޕްރޮޕޯސަލްގައި އިމާރާތުގެ ކޮންސެޕްޓް ހިމަނާފައި ނުވާ ކަމަށާއި އިމާރާތުގެ ބޮޑުމިން ވެސް ހިމަނާފައި ނުވާ ކަމަށެވެ. އެކަން އެހެން އޮއްވައި ބިމުގެ ހަރަދު ކަނޑައަޅައިފައި ވަނީ ކޮން އުސޫލެއްގެ ދަށުންތޯ ދައުލަތުން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އެސްޖޭ އާއި މަޝްރޫއު ހަވާލުކޮށްފައި ވަނީ ބީލަމަށް ހުޅުވައި ނުލައި ކަން ވެސް ފާހަގަކުރި އެވެ.

މީގެއިތުރުން ދައުލަތުް ބުނީ ޒިކުރާ މިސްކިތުގެ ބިން އެސްޖޭ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން އެ އިމާރާތުގެ ބިން އެކުންފުންޏާ ހަވާލުކުރީ އިމާރާތުގެ ކުރެހުންތައް ފާސްވުމުގެ ކުރިން ކަމަށްވެސް ދައުލަތުން ބުންޏެވެ.

އެ އެއްބަސްވުމުގައި އިދާރީ އޮޅުމެއް އޮތްކަން އެނގިވަޑައިގަތް ހިސާބުން ޒިޔާދު އެ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތްކުރެއްވި ކަމަށް ދިފާއުން ވިދާޅުވެފައިވާތީ އެކަމަށް ވެސް ދައުލަތުން ރައްދު ދިނެވެ. ދައުލަތުން ފާހަގަކުރި ގޮތުގައި އެކަން ހައްލުކުރުމަށް އީމެއިލްއެއް ކުރިކަން އެނގުނު ނަމަވެސް އެއްބަސްވުން އިސްލާހު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށެވެ.

ޒިކުރާ މިސްކިތުގެ މައްސަލާގައި ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ވަނީ އުފުލާފަ އެވެ.

އިބްރާހީމް އަބްދުﷲގެ ފަރާތްޕުޅުން ދިފާއީ ވަކީލް ނޫރުލްސަލާމް ވިދާޅުވީ އެސްޖޭ ކުންފުންޏަށް އިމާރާތް އަޅަން ހުއްދަ ދީފައިވަނީ ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އިބްރާހީމް އަބްދުﷲ ތައްޔާރުކުރި ފަންނީ ޓެކްނިކަލް ރިޕޯޓާ ފިނޭންސްގެ ރިޕޯޓާ ދިމާވާ ކަމަށްވެސް ވިދާޅުވި އެވެ. އެ ރިޕޯޓުގައި މައްސަލައެއް އުޅޭނަމަ ޖިނާއީ ދައުވާއެއް އުފުލުމުގެ ބަދަލުގައި ފިނޭންސް މިނިސްޓްރީން އިންޓާނަލް އޮޑިޓެއް ހަދަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް އެކަން ކޮށްފައި ނުވާކަން ފާހަގަކުރެއްވި އެވެ.

ދެފަރާތުގެ ވާކަތައް އަޑު އެއްސެވުމަށްފަހު ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް އަންނަ މަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.