ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް މަޖިލީހުން ދީފައިވާ މުއްދަތު ހަމަވާތީ އިތުރު އެއް އަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުއްދަ ދިނުމަށް ދެކޮޅު ހަދައިފި އެވެ.
މުއްދަތު އިތުރުކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ކޮމިޓީއަށް ގެންދަން ނުފެންނަ ކަމަށް 48 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އެހެންކަމުން މުއްދަތު އިތުރުކުރަން ފާސްނުވެ މަޖިލީހުން އެ މައްސަލައިގައި ދެން އަމަލުކުރާނެ ގޮތެއް އޮތީ ވާނުވާގަ އެވެ.
ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރޯ ދިގު މުއްދަތުން އަނބުރާ ދައްކާ ބޮންޑަކަށް ބަދަލުކުރަން ބޭނުންވާތީ އިތުރު އެއް އަހަރު ދިނުމަށް ފިނޭންސް މިނިސްޓްރީން އެދުމުން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އިއްޔެގެ ޖަލްސާގަ އެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގެންފައިވާ ގޮތުން ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ތިން މާއްދާ ސަސްޕެންޑު ކުރުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި، ހިދުމަތަށް ބުރޫ އެރިއަ ނުދީ ހިފެހެއްޓުނެވެ. މީގެ އިތުރުން އިގްތިސޯދީ ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޮވިޑް-19ގެ ސަބަބުން ކުރަން ޖެހުނު ސިއްހީ ހޭދައަށް ފަސޭހަ ވެގެން ދިޔަ ކަމަށް ބުނެފައިވެ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވެފައިވާ ގޮތުގައި މި އިސްތިސްނާއަށް އެއް އަހަރު ވާން ކައިރިވެފައިވީ ނަމަވެސް، އިގްތިސޯދު ފުން ވަޅުގަނޑުން އަރައި ގެނެވިފައިނުވާ ނުވާ ކަމަށެވެ.
"... އަދި ވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ އަދި މާލީ އަދި މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފަ އެވެ. މިގޮތުން 2020 ގެ ހަތަރު ވަނަ ކުއާޓަރުގައި ވެސް ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ ދަށްވެފަ އެވެ،" އަމީރު ވިދާޅުވެފައިވެ އެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19ގެ ކުރިއާ އަޅާބަލާއިރު ރާއްޖޭގައި ވަޒީފާ ނެތް މީހުންނާއި ވިޔަފާރިތަކުގެ ވިކުރާ ވެސް ދަށްވެފައިވާ ކަމަށެވެ.
"މި ވަގުތު ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ އިސްތިސްނާތަކަށް އަމަލު ކުރުމަކީ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ އިގްތިސޯދު އަދި މާލީ ހާލަތު ތަންދޭ ކަމެއް ނޫނެވެ،" އަމީރު ވިދާޅުވި އެވެ.
އޯވަޑްރޯގެ މުއްދަތު އިތުރުކޮށްދޭން އެދިފައިވާ ލިޔުމުގައި މި އަހަރު ދައުލަތުގެ ކޭޝް ފްލޯ ހުންނާނެ ގޮތުގެ އަންދާޒާއެއް ވެސް ދީފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހުށަހެޅުމަށް މަޖިލީހުގައި މެންބަރުން ބަހުސް ކުރެއްވިއިރު ވެސް މި ހުށަހެޅުމާ ދެކޮޅަށް ގިނަ މެންބަރުންތަކެއް ވާހަކަދައްކަވާފައިވެ އެވެ. މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ފިނޭންސް މިނިސްޓްރީއަށް ހުއްދަ ދިނުމުން ހަރަދު ކުރާ ގޮތް މުޅިން ސާފު ނުވުމާއި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރުމެވެ.