ވިޔަފާރިއާއި ކުޅިވަރުގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ލޯޖެހި އަހްމަދު މަނިކު އަވަހާރަވެއްޖެ އެވެ.
އަހްމަދު މަނިކު މިއަދު އިރާކޮޅުގެ ވަގުތެއްގައި އަވަހާރަވީ ސިއްހީ ބޮޑު ބައްޔަކަށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްވަމުން ގެންދަވަނިކޮށެވެ. އަހްމަދު މަނިކު މިމަހުގެ އަށްވަނަ ދުވަހު އިންޑިއާ އަށް ގެންދިއުމުގެ ކުރިން އައިޖީއެމްއެޗްގައި ވެސް ގިނަ ދުވަސްތަކަކު ފަރުވާ ދީފައިވެ އެވެ.
އާއިލާގެ ބޭފުޅަކު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަހްމަދު މަނިކުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ވަކި ވަގުތެއް އަދި ނިންމާފައި ނުވާ ކަމަށެވެ. އޭނާ އަވަހާރަވިއިރު 14 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ލޯޖެހި އަހްމަދު މަނިކަކީ ކުރީ ސަފުގައި ގުނާލެވޭ ބޭފުޅެކެވެ. އޭނާގެ ހިދްމަތް މިދާއިރާއިން ފެށިފައިވަނީ މީގެ 51 އަހަރު ރައީސް އިބްރާހީމް ނާސިރު "ބީޗްވިލާ“ ހިންގަވަން ފެށްޓެވި ދުވަސްވަރު 1961 ވަނަ އަހަރު އެވެ. އޭރު ޑޮންޑޮން ފުޅީގައި ބަންދުކޮށްގެން ނެރުނު މަޝްހޫރު ބުއިންތައް ފުޅިފުޅިއަށް އަޅުއްވާ ބަންދުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ ލޯޖެހި އަހްމަދު މަނިކެވެ.
އަމިއްލަފުޅަށް އެ ވިޔަފާރި ކުރެއްވުމަށް ނިންމަވާ އެ ހުވަފެން ހަގީގަތަކަށް ހެއްދެވީ 1982 ވަނަ އަހަރު އެވެ. އޭނާގެ އަމިއްލަ ވިޔަފާރީގައި އުފެއްދެވި ބުއިންތައް އުފެއްދެވީ އޭނާގެ އަމިއްލަ ފޯމިއުލާއެއްގެ މައްޗަށެވެ. ތްރީޗޮއިސްގެ ނަމުގައި މުޅި ރާއްޖެއަށް މަޝްހޫރުވެގެން ދިޔަ ފިނިބުއިންތައް ތައްޔާރު ކުރުމުގެ މަސައްކަތް އަހްމަދު މަނިކު ރަސްމީކޮށް ފެއްޓެވީ އޯގަސްޓް 14، 1989 ގައެވެ. ވިޔަފާރި އިތުރަށް ފުޅާކުރެއްވުމުގެ ގޮތުން ޕެޓް ފުޅީގައި ތްރީ ޗޮއިސް ބަންދުކުރެއްވުމުގެ މަސައްކަތް 2007 ވަނަ އަހަރުން ފެއްޓެވި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން ވިޔަފާރި ފުޅާކޮށް ހޯއްދެވި ކާމިޔާބީގެ އަގުވަޒަން ކުރައްވާ ލޯޖެހި އަހްމަދު މަނިކަށް ޝަރަފްވެރިކަމުގެ އިނާމު ދިވެހި ސަރުކާރުން ދެއްވާފައިވަނީ 2009 ވަަނަ އަހަރު އެވެ.
ލޯޖެހި އަހްމަދު މަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން ގަލޮޅު އަވަށުގެ ކުރިއެރުމާއި ތަރައްގީއަށް ވެސް ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެވުނު ގިނަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެ އެވެ.
ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަހްމަދު މަނިކަކީ، ވަރަށް އިސް ދައުރެއް އަދާކުރެއްވި އަދި އެކްލަބަށް ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެކެވެ.