ރާއްޖެ ކުޅިވަރު

ގައުމީ މުބާރާތުގެ ފުރަތަމަ މެޗުގައި އިހަވަންދު އާއި ގުޑީސް

މިއަދު މެންދުރު ފަހު ފަށާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ހުޅުވާ މެޗުގައި ހއ. އިހަވަންދޫ ކުލަބު ޕޯލްސްޓާ އާއި ގުޑީސް ސްޕޯޓްސް ކުލަބު ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޖުމުލަ ހަތް ޓީމު ކުޅޭ މުބާރާތުގައި ކޮންމެ ދުވަހަކު ތިން މެޗު ކުޅޭނެ އެވެ. މެންދުރު ފަހު 2:30ގައި ކުޅޭ މެޗަށް ފަހު ހަވީރު 4:30ގައި މިއަދު ކުޅޭނީ ފޮނަދޫ ޒުވާނުންގެ ރޫހާއި ދިއްދޫ ޓީޖޭޖް ބޯއީސް އެވެ. އަދި މިރޭ 8:30ގައި ކުޅޭނީ ޕޮލިސް ކުލަބާއި މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އުތުރާއި ދެކުނުން ހޮވާލެވުނު ހަތަރު ޓީމާއި ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުގެ ދެ ޓީމާއި މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ގަދަ ދެ ޓީމެވެ. އުތުރުން ވާދަކުރަނީ ހއ. ދިއްދޫ އާއި އިހަވަންދޫ އެވެ. ދެކުނުން ވާދަކުރާނީ ލ. ފޮނަދޫ އާއި މަތިމަރޫދޫ އެވެ.

މި މުބާރާތަށް އުތުރާއި ދެކުނުން ހޮވުނު ޓީމުތަކަށް ވަނީ ފައިސާގެ އެހީ އާއި ޖާޒި ހަވާލުކޮށްދީފަ އެވެ.

މިއަދުން ފެށިގެން މި މަހުގެ 18 އަށް ކުރިއަށްދާ މުބާރާތުގެ ސެމީ އަށްދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފައިނަލަށް ދާނީ އެއްވަނަ އަދި ދެ ވަނަ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމާއި ސެމީގެ ފުރަތަމަ މެޗުން ބަލިވު ޓީމާއި ތިން ވަނަ އަދި ހަތަރެއް ކުޅެގެން މޮޅުވާ ޓީމާ ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.