ބޮލީވުޑް

މިއުޒިކް ޑައިރެކްޓަރު ޝްރަވަން އަށް ކޯވިޑްޖެހި ވެންޓިލޭޓާގައި

ނަދީމް ސައިފީ އާއި ޝްރަވަން ރާތޯޑް (ނަދީމް-ޝްރަވަން) އަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަޖެހި މިއުޒިކް ޑައިރެކްޓަރުންގެ ޖޯޑެވެ. މި ދެ މިއުޒީޝަނުންގެ ތެރެއިން ޝްރަވަން އަށް ކޮވިޑް-19 ޖެހި މިހާރު އޮތީ ވަރަށް ސީރިއަސް ހާލަތެއްގަ އެވެ. މިހާރު ޝްރަވަން އޮތީ މުމްބައި ހޮސްޕިޓަލެއްގައި ވެންޓިލޭޓާ ގުޅާފައި ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

އޭނާއަށް ފަރުވާ ދެއްވާ ޑޮކްޓަރު ކިރްތީ ބުޝަން ޓައިމްސް އޮފް އިންޑިއާއަށް ވިދާޅުވި ގޮތުގައި ޝްރަވަންގެ ހާލު ވަރަށް ދެރަ އެވެ. އަދި މިވަގުތު އޮތީ ވެންޓިލޭޓަރު ގުޅާފަ އެވެ. އޭނާގެ ހިތް ދުޅަވެފައިވާ ކަމަށާއި ކާޑިއޮލޮޖިސްޓުންނާއި ޑައިބެޓޯލޮޖިސްޓެއް އަދި އެނޫން ވެސް ދާއިރާތަކުގެ ޑޮކްޓަރުން ހިމެނޭ ޓީމަކުން މިހާރު ޝްރަވަން އަށް ފަރުވާ ދެމުންދާ ކަމަށެވެ.

ނަދީމް-ޝްރަވަން އަކީ 90 އިގެ އަހަރުތަކުގައި އިންޑިޔާގައި އެންމެ ބޮޑު މަޝްހޫކަމެއް ހޯދި ދެ މިއުޒީޝަނުންނެވެ. "އާޝިގީ" (1990)، 1991 ގައި ރިލީޒްކުރި "ސާޖަން"، 1993 ގައި ރިލިޒްކުރި "ހަމް ހޭ ރާހީ ޕިޔާރް ކޭ"، 1996 ގައި ރިލީޒްކުރި "ރާޖާ ހިންދުސްތާނީ" އަދި 1997 އިގެ ފިލްމު "ޕަރްދޭސް" އަށް ނަދީމް-ޝްރަވާން ވަނީ ވަރަށް ރީތި ލަވަތަކެއް ތައްޔާރުކޮށްދީފަ އެވެ.

މި ދެ ފަންނާނުން އެކީގައި އެންމެ ފަހުން މަސައްކަތްކުރީ 2005 ގައި ރިލީޒްކުރީ "ދޯސްތީ: ފްރެންޑްސް ފޯ އެވާ" ގައެވެ. އޭގެ ފަހުން ދެ މީހުން ވަނީ ވަކިވެ ޝްރަވަން ވަކިން މިއުޒިކް އުފެއްދުމުގެ މަސައްކަތް ކޮށްފަ އެވެ.

އިންޑިޔާއަށް ކޮވިޑް-19 އިގެ ދެ ވަނަ ބިޔަ ރާޅު ބިންދާލައިގެން އެތައް ބަޔަކު ބަލިވެ އެތައް ބަޔަކު މަރުވަމުންދާއިރު ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވެސް މި ބަލި ތަހައްމަލުކުރަން ޖެހިފައި ވެއެވެ.

މިހާރު ބަލި ޖެހިގެން އުޅޭ އެކްޓަރުންގެ ތެރޭގައި ނީލް ނިތެން މުކޭޝް އާއި އަރްޖުން ރާމްޕާލް ހިމެނެ އެވެ. އަދި ބަލި ޖެހި ފަސޭހަ ވެފައިވާ އެކްޓަރުންގެ ތެރޭގައި އާމިރު ޚާން، އަކްޝޭ ކުމާރު، އާލިއާ ބަޓް، ރަންބީރު ކަޕޫރު، ކެޓުރީނާ ކައިފް، ވިކީ ކޯޝަލް އަދި ބޫމީ ޕެޑްނެކަރް ހިމެނެ އެވެ.