ރައްޔިތުންގެ މަޖިލިސް

އޯވާ ޑްރާފްޓްގެ މައްސަލަ ހާއްސަ ކޮމެޓީއަކަށް ގެންދަން ފާސްކޮށްފި

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ނުވަަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން ފިނޭންސް މިނިސްޓްރީން ހުށަހެޅި ހުށަހެޅުން ދިރާސާކޮށް ގޮތެއް ނިންމުމަށް ހާއްސަ ކޮމެޓީއަކަށް ގެންދަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެދިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭރު އެ ތިން މައްދާ ސަސްޕެންޑް ކުރީ އެއް އަހަރަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހަށެވެ. އެެހެންވެ އަނެއްކާ ވެސް އެ މައްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރަން ވަނީ އެދިފަ އެވެ. މުއްދަތު އިތުރު ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން އިއްޔެ ވޯޓަށް އެހި ނަމަވެސް އެކަމަށް މަޖިލީހުން ރުހުން ނުލިބުނެވެ.

އެ މައްސަލައަށް ހައްލެއް ނުހޯދި ދިގުލައިގެން ދާތީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މިއަދު ހުށަހެޅުއްވީ އެކަން ކޮމެޓީއަކަށް ގެންގޮސްގެން ކުރިއަށް ގެންދާށެވެ. އޭނާ އެދިވަޑައިގެންނެވީ ހުރިހާ ޕާޓީތަކެއްގެ މީހުންނާއި މިނިވަން މެމްބަރަކު ވެސް ހިމެނޭ ގޮތަށް ނުވަ މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލައިގެން ކުރިއަށް ގެންދިއުމަ ށެވެ.

އޭނާގެ ހުށަހެޅުން ފާސްކުރީ 51 މެމްބަރުންގެ ވޯޓާއެކު އެވެ.

ކޮމެޓީގައި ތިބޭނެ މެމްބަރުންގެ ލިސްޓު ވެސް ރަޝީދު ހުށަހެޅުއްވި އެވެ. އެ ލިސްޓުގައި ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒްގެ ނަން ވެސް ހިމެނުއްވި އެވެ. ނަމަވެސް އެ ލިސްޓުން ނާޝިޒް ނަން ނަގައި އޭގެ ބަދަލުގައި އަލިފުށީ ދާއިރާގެ މެމްބަރު ރަޝީދު ނަން ހިމަނަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެވެ. އެކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ތާއީދު ކުރެއްވި އެވެ. އާޒިމް ހުށަހެޅުއްވި ގޮތަށް ކޮމެޓީއަށް ލާނެ މެމްބަރުންގެ ނަންތައް ފާސްވީ 48 މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެެ.

ހާއްސަ ކޮމެޓީގެ މެމްބަރުން

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް
މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު
މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން

ފިނޭންސް މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގެންފައިވާ ގޮތުން ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ތިން މާއްދާ ސަސްޕެންޑު ކުރުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި، ހިދުމަތަށް ބުރޫ އެރިއަ ނުދީ ހިފެހެއްޓުނެވެ. މީގެ އިތުރުން އިގްތިސޯދީ ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 އިގެ ސަބަބުން ކުރަން ޖެހުނު ސިއްހީ ހޭދައަށް ފަސޭހަ ވެގެން ދިޔަ ކަމަށް ބުނެފައިވެ އެވެ.