ބޭރު ކުޅިވަރު

ބޫލައްވާނީ އަހަންނަށް، ކުޅުންތެރިންނަކަށްނޫން: ވެންހާލް

މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުން ނުރުހުން ފާޅުކުރުމުގެ ގޮތުން ބޫލައްވަންވީ އޭނާއަށް ދިމާލަށް ކަމަށާއި ކުޅުންތެރިންނާ ދިމާއަށް ނޫން ކަމަށް ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.

ކޯޗު މިހެން ބުނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އެންމެ ގޯލެއް ޖެހިފައިވުމުން "އަހަރުމެން ބޭނުންވަނީ އެޓޭކިން ގޭމެއް،" ކަމަށް ބުނެ ސަޕޯޓަރުން އަޑުހަރުކޮށް ނުރުހުން ފާޅުކުރުމުންނެވެ.

"އަހަރެން ސަޕޯޓަރުންނަށް ބުނަން އޮތީ އަހަންނަށް ފާޑުކިޔާށޭ. ކުޅުންތެރިންނާ ދިމާއަކަށްނޫން އެކަން ކުރަންވީ. އަހަންނަށް ފާޑުކިއުމުން ހަޖަމްކުރެވޭނެ. ކޯޗެއްގެ ގޮތުން އަހަރެންގެ ވަރަށް ގިނަ ތަޖުރިބާއެބަހުރި،" ވަންހާލް ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑް ކުޅޭނަމަ އެ ޓީމު އޮންނަންވާނީ ޓޭބަލުގެ އެންމެ ކުރީގައި ކަމަށް އަބަދުވެސް މީހުން ގަބޫލުކުރާ ކަމަށާއި އެއީ ފުޓްބޯޅައިގެ ސަގާފަތް ކަމަށެވެ. މިހެންވެ ޔުނައިޓެޑަށް ކުޅުމަކީ ވަރަށް ބޮޑު ޕްރެޝަރެއް ކަމަށާއި މިއީ ކުޅުންތެރިންނަށް ރަނގަޅު ގޮތެއްނޫން ކަމަށެވެ.

އޭނާ އަދި ބުނީ މެންޗެސްޓާ ޔުނައިޓެޑާ އޭނާ ހަވާލުވިއިރަށްވުރެ ޓީމު މިހާރު ވަރަށް ބޮޑުތަން ކުރިއަރައިފި ކަމަށާއި ނަމަވެސް އަދިވެސް މޮޅު ކުޅުންތެރިން ބޭނުންވާ ކަމަށެވެ.

ޕްރެމިއާ ލީގުގައި ޔުނައިޓެޑް މިއަދު ކުޅޭނީ ވެސްޓްބްރޮމްއާ ދެކޮޅަށެވެ.