ޕޮލިސް ބޯޑް

ޕޮލިސް ބޯޑުގެ ރައީސަކަށް ފާއިޒު، ނާއިބަކަށް ފަޔާޒު

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ރައީސް އާއި ނާއިބު ރައީސް ކަމަށް ބޭފުޅުން އިންތިހާބު ކޮށްފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ ޕޮލިސް ބޯޑުގެ ރައީސް ކަމަށް މއ. މަނާގެ، އަލީ ފާއިޒު އަދި ނާއިބް ރައީސް ކަމަށް މ. ހަޒާރީވިލާ، އަހުމަދު ފަޔާޒް ހަސަން މިއަދު އިންތިހާބު ކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޕޮލިސް ބޯޑް އެކުލަވާލެއްވީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.

ޕޮލިސް ބޯޑްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން

  • އަޙްމަދު ފަޔާޒް ހަސަން، މ.ހަޒާރީވިލާ
  • އާއިޝަތު ނޫރާ މުހައްމަދު، ހ.ނޫމުތީ
  • އަލީ ފާއިޒު، މއ.މަނާގެ
  • އަހުމަދު ނާޝިދު، މއ.ގޯލްޑަންމޫން
  • އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
  • ހާމިދު އަބްދުލްގަފޫރު، ހ.ޝޭޑީކޯނަރ
  • ސަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

ޕޮލިސް ބޯޑްގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރެކެވެ.

ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިވެސް ތިބޭނެ އެވެ.

ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަންޖެހޭ ކަންތައްތައް ވެސް އެ އިސްލާހުގައި ހިމެނެ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ. އަދި އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވާ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލުކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމި ދާނެ އެވެ.