ޕޮލިސް ބޯޑް

ޕޮލިސް ބޯޑު އެކުލަވާލައިފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕޮލިސް ބޯޑު އެކުލަވައިލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވާލައްވާފައި ވަނީ މިއަދު ކަަމަށެވެ.

ޕޮލިސް ބޯޑްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން

  • އަޙްމަދު ފަޔާޒް ހަސަން، މ.ހަޒާރީވިލާ
  • އާއިޝަތު ނޫރާ މުހައްމަދު، ހ.ނޫމުތީ
  • އަލީ ފާއިޒު، މއ.މަނާގެ
  • އަހުމަދު ނާޝިދު، މއ.ގޯލްޑަންމޫން
  • އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
  • ހާމިދު އަބްދުލްގަފޫރު، ހ.ޝޭޑީކޯނަރ
  • ސަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

ޕޮލިސް ބޯޑްގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރެކެވެ.

ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިވެސް ތިބޭނެ އެވެ.

ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަންޖެހޭ ކަންތައްތައް ވެސް އެ އިސްލާހުގައި ހިމެނެ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ. އަދި އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވާ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލުކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމި ދާނެ އެވެ.