މާލޭގެ މަޖީދީ މަގުގައި ޒިކުރާ މިސްކިތް ކުރިން ހުރި ބިމުގައި ހަދަމުންދާ ވަގުތީ މިސްކިތުގެ މަަސައްކަތް ނިންމާ ހުކުރު ދުވަހު ބޭނުން ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ވަގުތީ މިސްކިތް ބޭނުން ކުރަން ފެށޭވަރަށް މަސައްކަތް ކުރިއަށް ގެންދާށެވެ. ނަމަވެސް ވަގުތީ މިސްކިތް ހަދަން ޒިކުރާ މިސްކިތް ހުރި ސަރަހައްދު ކޮންނަމުން ދަނިކޮށް ބައެއް ތަކެތި ފެނުމާއި ގުޅިގެން މަސައްކަތް ލަސްވީއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ވަގުތީ މިސްކިތް މިހާރު ހުރީ ތަޅުން އަޅާ ހިޔާކޮށް ނިމިފައި ކަމަށާ މި ހުކުރުގައި ނަމާދު ކުރަން ފެށޭވަރު ވާނެ ކަމަށެވެ.
ޒިކުރާ ބިމުގައި ވަގުތީ މިސްކިތެއް ހަދަން ހަވާލުކޮށްފައި ވަނީ ސިވެކް ކުންފުންޏާ އެވެ.