ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މަޖިލީސް މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ހާމަކޮށްފި އެވެ.
އެކަން ހާމަވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރަނީ ކިތަން މެންބަރުންތޯ ބެލުމަށް ނެގުނު ހިޔާލު ހޯދުމުގެ ވޯޓެއްގައެވެ. މެންބަރުންގެ ތާއީދު އޮތް ގޮތެއް ބެއްލެވުމަށް ހުށައެޅުއްވީ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައެވެ. މަޖިލީހުގެ 65 މެންބަރުންގެ ތެރެއިން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވީ 23 މެންބަރުންނެވެ.
ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވަނީ އަންގަވާފައެވެ.
ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.
ނަޝީދުގެ އެ މެސެޖަށް ފަހު އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ޕާޓީގެ އެކްޓިވިސްޓުން ގެންދަނީ ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހޭ ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ.
ރައީސް ނަޝީދުގެ މެސެޖަށް ސަރުކާރުން ވަނީ ޖަވާބުވެސް ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ކުރެއްވި މެސެޖެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލެއް ގެނެވޭނީސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ،" މަބުރޫކް ވިދާޅުވިއެވެ.