ބޮލީވުޑް

އަބީޝެކް ކިޔެވުން ހުއްޓާލީ ބައްޕަ ދަރަނިވެރިވެގެން އެހީތެރިވާން

އަމީތާބު ބައްޗަންގެ އާއިލާއަށް ވެސް ފައިސާގެ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް 90 އިގެ އަހަރުތަކުގައި ކުރިމަތިވި އެވެ. އަމީތާބު އުފެއްދި ފިލްމު ކުންފުނި "އޭބީސީއެލް" އަށް ލިބުނު ބޮޑު ގެއްލުން ތަކާއެކު އަމީތާބު ދަރަނިވެރިވި އެވެ.

އަބީޝެކް ދާދިފަހުން ހާމަކުރި ގޮތުގައި އޭނާގެ ތައުލީމީ ހަޔާތަށް ވެސް ނިމުމެއް ގެންނަން ޖެހުނީ ބައްޕަ ދަރަނިވެރިވީލެއް ބޮޑުކަމުންނެވެ.

"ދަ ބިގް ބުލް" އެކްޓަރު ބުނި ގޮތުގައި ބައްޕައަށް އެހީތެރިކަމެއް ފޯރު ކޮށްދެވޭ ވަރުގެ ތައުލީމީ ފެންވަރެއް އޭނާގެ ނެތް ނަމަވެސް ދަރިއެއްގެ ހައިސިއްޔަތުން ދޭން ޖެހޭ އެހީތެރިކަން ދިނުމަށް އެވަގުތު ބައްޕައާއެކު ހުރުން މުހިއްމު ކަމަށް އޭނާއަށް ފެނިގެން ކިޔެވުން ހުއްޓާލާފައި ބައްޕަ ކައިރިއަށް އައީ އެވެ.

"ތެދު ތެދަށް ބުނާނަމަ ބުނެވޭނީ އަހަރެން ޔުނިވާސިޓީ ތައުލީމު ހުއްޓާލިއްޔޭ. އަހަރެން އޭރު ހުރީ ބޮސްޓަން ޔުނިވަސިޓީގައި ކިޔަވަން. ޕާފޯމިން އާޓްސް އާއި ލިބަރަލް އާޓްސް އިން އަހަރެން ކިޔަވަމުން ދިޔައީ. ނަމަވެސް ބައްޕަ ދަރަނިވެރިވުމުން ކިޔެވުން ހުއްޓާލާފައި ބައްޕައަށް އެހީވާން އިންޑިޔާއަށް އައިސް ކުންފުނީގެ މަސައްކަތުގައި ބައްޕައަށް އެހީތެރިކަން ފޯރުކޮށް ދޭން ފެށީ،" އަބީޝެކް ބުންޏެވެ.

ދަރަނިވެރި ވީވީނުން އަމީތާބު ހިނގާފައި ޕްރޮޑިއުސަރު-ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ގެއަށް ގޮސް މަސައްކަތެއް ދޭން އެދުނެވެ.

"ބައްޕަ ބުނި އެއްވެސް ފިލްމެއް ވެސް އަދި ކުންފުނީގެ މަސައްކަތެއް ވެސް ރަނގަޅަށް ހިނގާ ގޮތެއް ނުވިޔޭ،" އަބީޝެކް ބުންޏެވެ.

އަމީތާބު ފިލްމު ކުންފުނި އުފައްދައިގެން ފިލްމު އުފެއްދުމުގެ މަސައްކަތް ފެށީ އެކްޓް ކުރުން ހުއްޓާލުމަށް ފަހުގަ އެވެ. ނަމަވެސް ކުންފުނި ބަނގުރޫޓު ވުމުން އަނެއްކާވެސް އެކްޓްކުރަން ފަށަން ނިންމައި ޔާޝް ޗޯޕްޅާ ކައިރިއަށް ދިޔައީ އެވެ.

އޭނާގެ އަތުގައި ކުރާނެ އެއްވެސް މަސައްކަތެއް ނެތް ކަމަށާއި އެއްވެސް މީހަކު އޭނާއަށް މަސައްކަތެއް ދޭން ވެސް ތައްޔާރު ނޫން ކަމަށް ޔާޝް ޗޯޕްޅާގެ ގެއަށް ގޮސް އޭނާ އާ ބައްދަލުކޮށް އަމީތާބު ބުނި ކަމަށް ވެއެވެ. އަދި އޭނާއަށް ކޮންމެވެސް މަސައްކަތެއް ދޭން ޔާޝް ޗޯޕްޅާ ކައިރީ އަމީތާބު އެދުނެވެ.

"މުހައްބަތޭން" އަކީ އަމީތާބުގެ މި އެދުމަށް އިޖާބަ ދިނުމުގެ ގޮތުން ޔާޝް ޗޯޕްޅާ ދިން ފިލްމެކެވެ. އަދި ޓީވީ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ" ހޯސްޓް ކުރަން އަމީތާބަށް ލިބުނީ ވެސް އެ ދުވަސްވަރު އެވެ. މި ޝޯއަކީ އަމީތާބުގެ ނަސީބު އަނެއްކާ ވެސް އޭނާގެ އަތުގައި ހިފަން މެދުވެރިވީ ޝޯ އެވެ.

އެ ޒަމާނަކީ ޓީވީގައި މަސައްކަތް ކުރަން ފިލްމީ ތަރިން ފަސް ޖެހުނު ޒަމާނަކަށް ވިޔަސް އަމީތާބު އިސް ނަގައި ފެށި މި މަސައްކަތް ވެގެން ދިޔައީ ހީވެސް ނުކުރާ ވަރުގެ ކާމިޔާބު މަސައްކަތަކަށެވެ. އިސާހިތަކު އަމީތާބު އޭނާގެ ދަރަނިތައް ދައްކާ ނިންމައި އަލުން ހަމަފައިމައްޗަށް ތެދުވި އެވެ.