ލައިފްސްޓައިލް

271 ކިލޯގެ މަހެއް ބާނައި ރެކޯޑް ހަދައިފި

ނޯދާން ބްލޫ ފިން ޓޫނާ އެއްގެ އެވްރެޖް ބަރުދަނަކީ 60 ކިލޯގްރާމްކަން އެނގޭ ހެއްޔެވެ؟ ނަމަވެސް އެ ބާވަތުގެ މިއަށް ވުރެ މާ ބޮޑެތި މަސް ވެސް ކަނޑުގައި އުޅޭކަން ޔަގީންކުރެވުނީ އޮސްޓްރޭލިޔާ މީހަކު ބޭނި މަހެއް ފެނުނީމަ އެވެ.

އިންތިހާއަށް ބޮޑު މި ކަނޑުމަސް (ޓޫނާ ފިޝް) ބާނާފައި ވަނީ ނިއު ސައުތު ވޭލްސްގެ ގޮނޑުދޮށާ ކައިރިންނެވެ. މިއީ ދުނިޔޭގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު އޮތް މަހެއް ކަމަށް އޮސްޓްރޭލިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

މި މަހުގެ ބަރުދަނުގައި 271 ކިލޯގްރާމް ހުރެދާނެ ކަމަކަށް މަސް ބޭނި މީހުން ވެސް ކުރިން ހިޔެއް ނުކުރެ އެވެ. އެހެންކަމުން މި މަހުގެ ބަރުދަން އެނގުމުން މި މީހުންނަށް ވެސް ލިބުނީ ހައިރާން ކަމެވެ.

ދުނިޔޭގެ ރެކޯޑް ފޮތްތަކުގައިވާ ގޮތުން މީގެ ކުރިން ބޭނިފައިވާ މި ބާވަތުގެ އެންމެ ބަރު މަހުގެ ބަރުދަނުގައި ހުރީ 148 ކިލޯ އެވެ. މި މަހުގެ ދިގުމިނަކީ 185 ސެންޓިމީޓަރެވެ.

ސިޑްނީ ފިޝް މާކެޓުން ޔަގީން ކޮށްދީފައިވާ ގޮތުގައި އެ މާރުކޭޓަށް ވިއްކަން ގެންނަ ނޯދަން ބްލޫ ފިން ޓޫނާގެ އެވްރެޖް ބަރުދަނުގައި ހުންނަނީ 50 އާއި 60 ކިލޯގްރާމެވެ.

މިފަހަރު ބޭނި 271 ކިލޯގެ މަސް ސިޑްނީ ފިޝް މާކެޓަށް ގެންދިއުމާއެކު އެ މަސް ބަލަން ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ. އަދި އެމަހުގެ ބޮޑުކަމުން އެންމެން ވަރަށް ހައިރާންވެގެން އުޅުނެވެ. މި މަސް ސިޑްނީ މާރުކޭޓުން ގަތީ ކްލައުޑިއޯޒް ސީފުޑް ކިޔާ ބައެކެވެ. މިއީ އޮސްޓްރޭލިޔާގެ ސިޑްނީގައި ހުންނަ ޖަޕާން ރެސްޓޯރަންޓްތަކަކަށް ސީފުޑް ސަޕްލައި ކުރާ ބައެކެވެ.