މަސްވެރިން

އެސްޑީއެފްސީން 50 މަސް ދޯނި ބަންނަނީ

Apr 22, 2021
1

ކަނޑު މަހުގެ މަސްވެރި ކަމަށް ނެރެން ހާއްސަކޮށް އާ ޒަމާނުގެ 50 ދޯނި ބަންނަން ނިންމާފައިވާ ކަމަށް، އެސްއެމްއީ ޑިވްލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފި އެވެ.

އާ ޒަމާނުގެ މަސް ދޯނި ބަންދެ މަސްވެރިންނަށް ދޫކުރާ މަޝްރޫއެއް ފެށުމުގެ ގޮތުން، ދޯނި ފަހަރު ފަރުމާކޮށް، ކޮންސެލްޓެންސީ ދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނުގެ ބިޑު ފޮތުގައި އެސްޑީއެފްސީ އިން ބުނެފައިވާ ގޮތުން، ޒަމާނީ މަސް ދޯނީގެ ގޮތުގައި ދެ އަހަރު ތެރޭގައި 50 ދޯންޏެއް ބަނދެ ބާލައި މާކެޓަށް ނެރޭނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ފިޝްރީޒް މިނިސްޓްރީއާ ގުޅިގެންނެވެ.

އެސްޑީއެފްސީން ބުނީ އާ ޒަމާނުގެ މަސްއޮޑި ފަހަރު ބަނދެ މަސްވެރިންނަށް ދޫކުރުގެ ގޮތުން އެ އޮޑި ފަހަރު ޑިޒައިންކޮށް، ކޮންސެލްޓެންސީ ދޭން ބޭނުންވާ ފަރާތްތަކުން މި މަހުގެ 28 ގެ ކުރިން ނަން ނޯޓް ކުރަން ޖެހޭނެ އެވެ. މި މަސައްކަތާ ބެހޭ މައުލޫމާތު ދިނުން އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި މަސައްކަތް ކުރަން ކުރިމަތިލާ ފަރާތްތަކުގައި 10 އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ އެސްޑީއެފްސީން ޒަމާނީ މަސް ދޯނި ފަހަރު ބަނދެއް މަސްވެރިންނަށް ލުއި ފަސޭހަ ސްކީމެއްގެ ދަށުން ދޫކުރަން ނިންމާފައިވާ ކަމަށް ކުރީން ވިދާޅުވެފަ އެވެ.

ރާއްޖޭގައި މަސްވެރިކަން ތަރައްގީ ކުރުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ހަތަރު ބުރެއްގެ މަތިން ދޯނި ފަހަރު ބަނދެއް މަސްވެރިންނަށް ދޫކޮށްފައިވެ އެވެ. މިގޮތުން މިހާރު ފެންނަ ޒަމާނީ މަސް ދޯނި ފަހަރުގެ ޑިޒައިނަކީ ސަރުކާރުން ބަނދެ މަސްވެރިންނަށް ލުއި ފަސޭހަ ސްކީމެއްގެ ދަށުން ދޫކުރިު "ފިލާގަނޑު ދޯނި" އަސްލަކަށް ބަލައިގެން މަސްވެރިން އަމިއްލަ އަށް ހަދާފައިވާ ދޯނި ފަހަރެވެ.