ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފްލޫ ކްލިނިކްތަކުން ހިލޭ ޕީސީއާރް ޓެސްޓް ހެދޭނެ

ރަށްރަށަށް ދާން ބޭނުންވާ ފަރާތްތަކަށް ފްލޫ ކްލިނިކްތަކުން ހިލޭ ޕީސީއާރް ޓެސްޓް ހެދޭނެ ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.

ކޮވިޑް-19 އިން ދިފާއުވާން ޖަހާ ވެކްސިންގެ ދެ ޑޯޒް ޖެހުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދެވެ އެވެ.

ކަމާ ގުޅޭ އުސޫލު އާންމުކޮށްފައިވާއިރު އެ އުސޫލުގައި ބުނެފައިވަނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެ ރަށަކަށް ކަރަންޓީނާ ނުލައި ދަތުރު ކުރެވޭނެ ކަމަަށެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިނުވާ ރަށްްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ދެވޭނެ ކަމަށެވެ.

ނަމަވެސް އެފަދަ މީހުންނަށް ދަތުރު ކުރެވޭނީ ރަށެއްގައި ބަލި އުޅޭ ނިސްބަތް ފަސް ޕަސެންޓަށް ވުރެ މަތި ރަަށަކުން އެ ނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރް ނެގެޓިވް ޓެސްޓަކާ އެކު އެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ މީހުންނާއެކު ދަތުރުކުރާނަމަ ޕީސީއާރް ނެގެޓިވް ޓެސްޓެއް ބޭނުންވާނެ އެވެ.

އެޗްއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ފަސް ޕަސެންޓަށް ވުރެ ޕޮޒިޓިވް ރޭޓް މަތި ރަށްރަށުން އެހެން ރަށްރަށަށް ދާން ބޭނުންވާ ފަރާތްތަކަށް ފްލޫކްލިނިކް ތަކުން ހިލޭ ޕީސީއާރް ޓެސްޓް ހެދުމުގެ ހިދުމަތް މިހާރު ދެމުންދާ ކަމަށެވެ.

މާލެ ސަރަހައްދު ފިޔަވައި ފަސް ޕަސެންޓަށް ވުރެ ޕޮޒިޓިވް ރޭޓް މަތި ރަށްތައް

  • ޅ. ނައިފަރު
  • ތ. ވޭމަންޑޫ
  • ބ. މާޅޮސް
  • ކ. ހުރާ
  • ކ. ދިއްފުށި
  • އަދ. މާމިނގިލި

ފަތުރުވެރިން ހިމެނޭ ގޮތަށް ރާއްޖެއިން ބޭރުން އަންނަ މީހުންވެސް ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް ދެ ހަފްތާވެފައިވާ ނަމަ ޕީސީއާރް ނެގެޓިވް ޓެސްޓެއް ބޭނުމެއް ނުވާނެ އެވެ. އަދި ކަރަންޓީން ވާކަށްވެސް ނުޖެހޭނެ އެވެ.