ތެރަޕިއުޓިކް ދާއިރާގެ ކޯސްތަކަށް ކޯޕްރޭޓް ސްކޯލާޝިލް ސްކީމެއް ތައާރަފްކޮށް މީހުން ތަމުރީނު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ސްކީމްގެ ދަށުން ތެރަޕިސްޓުން ބިނާކުރުމުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނައިބް ރައީސް ފައިސަލް ނަސީމް އެވެ.
ތެރަޕިއުޓިކް ދާއިރާއިން މިއަދު ހުޅުވާލި ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ކުރާނީ އެސްއޯއީ ތަކާއި ޕްރައިވެޓް ސެކްޓާގެ ކުންފުނިތައް ހިމެނޭ ގޮތަށް 10 ފަރާތަކުންނެވެ.
މީގެތެރޭގައި ހިމެނެނީ ނެއިޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، ލިލީ އިންޓނޭޝަނަލް ޕްރައިވެޓް ލިމިޓެޑް، ސޮނީ ހާޑްވެއާ، އެމްޑަބްއިލިއުއެސްސީ، ދިރާގު، އެސްޓީއޯ، ސްޓެލްކޯ، އެލިއާ އިންވެސްޓްމަންޓް، އެމްޓީސީސީގެ އިތުރުން މުހައްމަދު އަލި ޖަނާހް އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ އަމިއްލަ ފަރާތްތަކާއި ސަރުކާރާއި ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން އިޖުތިމާއި ހަމަޖެހުން ގާއިމުކުރެވި ރާއްޖެ އަށް ތަރައްގީ އަންނާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހެލްތް މިނިސްޓްރީ އާއި ގުޅިގެން އަތޮޅު ތެރޭގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ 177 ޓެކްނިކަލް އަދި އޮޕަރޭޝަނަލް މުވައްޒަފުން ތަމްރީނު ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
މީގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން ކުޑަކުދިންގެ ހިޔާ އަދި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ ‘ކެއާ ޓޭކާސް’ އަށް ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެއް ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޮކިއުޕޭޝަނަލް ތެރަޕީއާއި ސްޕީޗު ތެރަޕީ ކޯސްތަކުގައި އިންޑިއާގެ އެކި ކޮލެޖު އަދި ޔުނިވަސިޓީ ތަކަށް ދިވެހިން ފޮނުވައިގެން، އެ ދާއިރާއިން ތަމްރީންކުރުމުގެ މަސައްކަތް ފެށުމަށްވެސް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.