ޖިންސީ ގޯނާ

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރު ކޮށްފި

ތިން އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ކުޑަ ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ކަށަވަރު ކުރަން ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށެވެ. އަދި ނަފްސާނީ ގޮތުން އެއްވެސް އަސަރެއް ކޮށްފައިވޭތޯ ބަލަން ސައިކޮލޮޖިސްޓަކަށް ދައިކައި ސައިކޮލޮޖީ ރިޕޯޓާއި އަދި ހަދަން ޖެހޭ އެހެން ރިޕޯޓްތައް ހަދަމުން އަންނަ ކަމަށެވެ.

އިތުރަށް ބުނެފައިވަނީ އެ ކުއްޖާއަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރަން ޖެންޑާ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރާ ކަމަށާއި މި މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމައި ފިޔަވަޅު އަޅާނެ ކަމަށެވެ.