ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްޗެއް ވިދާޅުވުމުން އެއީ މާބޮޑު ކަމަކަށްވެ އެ ވިދާޅުވި ގޮތަށް ކަންކަން ވާން ޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އަދި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
އިބްރާ މިހެން ވިދާޅުވީ ސީއެންއެމްގެ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެނެވެ.
ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން އެންގެވި އެންގެވުމަށް އިޝާރާތް ކުރައްވާ އިބްރާ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ނަޝީދު ބޭނުންފުޅުވި ނަމަވެސް އެއީ ބަޔަކު އެވަރަށް ސަމާލުކަން ދޭން ޖެހޭ ވަރުގެ ކަމެއް، އަދި ވާހަކައެއް ވެސް ނޫން ކަމަށެވެ.
"އަންނި [ރައީސް މުހައްމަދު ނަޝީދު] ބުނީތީ އެއީ މާ ބޮޑު އެއްޗަކަށް ވެގެން މުޅި ގައުމު އޭގެ ފަހަތުން ދުވަން ޖެހޭ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެއީ ބަޔަކު އެވަރަށް ސަމާލުކަން ދޭން ޖެހޭ ވަރުގެ ވާހަކައެއް ނޫން. ދެން އެ ވާހަކަ ދައްކާ ބަޔަކު އެ ވާހަކަ ދައްކާނެ! އަނެއް ބަޔަކު މާދަމާ މިތާނގާގައި މަގުމައްޗަށް ނުކުމެ ތިބެ ކިޔާފާނެ މިރާއްޖެ ރަސްކަމަކަށް ބަދަލުކުރަންވީއޭ... ދެން އެއީ އެ މީހުންގެ ހިޔާލު. އެކަމަކު އެހާ ހިސާބުން އަޅުގަނޑުމެން ދެން ދުވެފައި ގޮސް ޓީވީ އަރައިގެން އެ ވާހަކަ ދައްކާކަން ނުޖެހޭނެ،" އިބްރާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ 2007 ވަނަ އަހަރު ނެގި ނިޒާމީ ވޯޓަކީ އެންމެ ބޭފުޅަކު ވިދާޅުވެގެން އަދި އެންމެ ބޭފުޅަކު އެދިވަޑައިގެން ނެގި ވޯޓެއް ނޫން ކަމަށެވެ. އަދި 2004 ވަނަ އަހަރު ޖުމްހޫރީ މައިދާނަށް އެއްވި އެއްވުން ހަނދާނަށް ގެންނަވާ އިބްރާ ވިދާޅުވީ "އޯގަސްޓް ބާރާތެރަ" އިގައި ރައްޔިތުން ނިކުތީ ދައުލަތް ހިންގުމަށް ބަދަލު ގެނަން ޖެހޭ ކަމަށް ފެނިގެން ކަަމަށެވެ.
އަންނި [ރައީސް މުހައްމަދު ނަޝީދު] ބުނީތީ އެއީ މާ ބޮޑު އެއްޗަކަށް ވެގެން މުޅި ގައުމު އޭގެ ފަހަތުން ދުވަން ޖެހޭ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެއީ ބަޔަކު އެވަރަށް ސަމާލުކަން ދޭން ޖެހޭ ވަރުގެ ވާހަކައެއް ނޫން. ދެން އެ ވާހަކަ ދައްކާ ބަޔަކު އެ ވާހަކަ ދައްކާނެ! އަނެއް ބަޔަކު މާދަމާ މިތާނގާގައި މަގުމައްޗަށް ނުކުމެ ތިބެ ކިޔާފާނެ މިރާއްޖެ ރަސްކަމަކަށް ބަދަލުކުރަންވީއޭ... ދެން އެއީ އެ މީހުންގެ ހިޔާލު. އެކަމަކު އެހާ ހިސާބުން އަޅުގަނޑުމެން ދެން ދުވެފައި ގޮސް ޓީވީ އަރައިގެން އެ ވާހަކަ ދައްކާކަން ނުޖެހޭނެއިބްރާހިމް އިސްމާއީލް (އިބްރާ) | އެމްޑީޕީގެ ފުރަތަމަ ރައީސް
ކުއްލިއަކަށް ނިޒާމު ބަދަލުކޮށް ވެރިކަން ހިންގުމަށް ބޮޑު ބަދަލެއް ގެންނަން ވެއްޖެ ކަމަށް ބަޔަކު ބުނާނަމަ އެކަން ކުރަން ޖެހޭ ހަގީގީ ސަބަބަކީ ކޮބައިކަން އޮޅުން ފިލުވައިދޭން ޖެހޭ ކަމަށާ އެފަދަ ހާލަތެއް ނެތް ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ދައުލަތް ހިންގުމަށް ބޮޑު ބަދަލެއް ގެންނަން ޖެހިއްޖެ ކަމަށް 2004 ގައި ނިންމަން ޖެހުނީ ކީއްވެތޯ؟ މި އޮތް ޖުމްހޫރީ މައިދާނަށް 25،000 ރައްޔިތުން ނިކުމެ 24 ގަޑިއިރު ތިބީ ބަދަލެއް ގެނަން. އާން... އެ އޮތީ ކަމަކާ ޖެހިފައި. ދެން ވިސްނަން ވެއްޖެ... އެކަމަކު މިތާނގައި ސައިހޮޓަލެއްގެ މޭޒެއްގައި ތިބޭ އަށެއްކަ މީހުން ދައްކާ ވާހަކަ، އަނެއްތާކު ރެސްޓޯރަންޓެއްގައި ތިބޭ ދިހަ މީހަކު ދައްކާ ވާހަކަ، ޕޯޑިއަމްއަކަށް އަރާ ހުންނަ ސިޔާސީ މީހަކު ބުނާ ވާހަކައަކަށް ތެޅިގެންފައި ގައުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ދާން ޖެހޭ ކަންތައްތަކެއް ނޫނެއް ނޫންތޯ އެއީކީއެއް. މި ދަންނަވާ ވާހަކައަކީ މީގެ ބަހުރުވައިން ދަންނަވަންޏާ، ދިވެހިރާއްޖޭގައި މިވަގުތު މި އޮތް ދައުލަތް ހިންގުމުގެ ނިޒާމަށް އެވަރުގެ ބޮޑު ބަދަލެއް ގެނަން ވެއްޖެކަމަށް ބުނާ ކްރިޓިކަލް މާސް [ހިޔާލު ތަފާތުވާ ނަމްބަރު] ކޮބައިތޯ އޭ ރައްޔިތުންގެ ތެރޭގައި. ނެތޭ އިނގޭތޯ،" އިބްރާ ވިދާޅުވިއެވެ.
ސަރުކާރު ހިނގާ ގޮތް ރަނގަޅެއް ނޫން
އިބްރާ ވިދާޅުވީ ވެެރިކަމުގެ ނިޒާމު ބަދަލު ކުރުން އެޖެންޑާގެ ކުރިއަށް ގެނެސް އެ ވާހަކަތައް ދައްކާއިރު ރަނގަޅު ކުރަން ޖެހޭ އެހެން ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. ފުރަތަމަ ކަމަކަށް މިހާރު ސަރުކާރު ހިނގާ ގޮތް ރަނގަޅު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ސޯލިހް ކުރައްވަންވީ ކަމަކީ އަދި ރައްޔިތުން ހަވާލު ކުރެއްވި ޒިންމާއަކީ ވެސް ސަރުކާރު ހިންގާ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އިބްރާ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ރައީސް ނަޝީދު އަމާޒު ހިއްޕަވާފައިވާއިރު އެއީ އެމަނިކުފާނާއި އަދި މިހާރު އޮތް ރައްޔިތުންގެ މަޖިލީހާއި ވެސް ހަވާލު ކޮށްފައި އޮތް ޒިންމާއެއް ނޫން ކަމަށެވެ. މިހާރުވެސް ހަދަން ޖެހި އަދި ނުހެދިވާ 71 ގާނޫނެއް އެބައޮތް ކަމަށާ މަޖިލީސް މެންބަރުންގެ "ހަންމުށި އަޅައިގެން" ވެސް ރައީސް ނަޝީދު ކުރައްވަންވީ ކަމަކީ އެއީ ކަމަށެވެ.
އިބްރާ ވިދާޅުވީ ނިޒާމު ބަދަލު ކުރަން ޖެހޭ ވާހަކަ ދައްކާނީ ރައްޔިތުން ކަމަށާ އެކަމާއި އެހެން ބޭފުޅުން އުޅުއްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. މިއީ ނިޒާމު ބަހުސަށް ޖާގަ އޮތް ވަގުތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ފައްޔާޒަށް ތައުރީފު
އިބްރާ ވަނީ އޭނާގެ ކޮއްކޮ އަދި ސަަރުކާރުގެ ނުފޫޒު ގަދަ ވަޒީރު ފައްޔާޒު އިސްމާއީލަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.
ވިދާޅުވީ ފައްޔާޒު ހިންގަވާ އިކޮނޮމިކް މިނިސްޓްރީގެ ކަންކަން ހިނގަމުން ދަނީ ރަނގަޅަށް ކަމަށެވެ. އަދި އެއީ އޭނާގެ ކޮއްކޮއަށް ވެގެން ވިދާޅުވާ އެއްޗެއް ނޫން ކަމަށާ އެއީ އާންމުން ވެސް ދައްކާ ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑަށް ފާހަގަކުރެވޭ އޭނާ [މިނިސްޓަރު ފައްޔާޒު] ހަވާލުވެ ހުންނަވާ ވުޒާރާގެ ކަންތައްތައް ރަނގަޅު. ވަކި ކޮންމެހެން އަޅުގަނޑުގެ ކޮއްކޮ ވެގެނެއް ނޫން ހަމަ، އާންމު ރައްޔިތުންގެ ފަރާތުން ވެސް އިވޭ ވާހަކައެއް އެ ވުޒާރާގެ ކަންތައްތައް ކުރަން ފަސޭހަ ވާހަކަ އާއި އޭނާ ރަނގަޅަށް ކަންކަން ކުރައްވާ ވާހަކަ،"
މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރަކަށް ފައްޔާޒު ވެވަޑައިގެންފައިވާ ސަބަބާއި ގުޅޭގޮތުން އިބްރާ ވަނީ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ހަރަކާތްތެރިކޮށް ބުރަކޮށް އުޅުއްވާ ބޭފުޅުންގެ މަގުބޫލުކަން ބޮޑުވާނެ ކަމަށާ އެފަދަ ބޭފުޅެއްގެ ބަސް ވެސް ސަރުކާރުގައި ބޮޑުވާނެ ކަމަށެވެ.
"މީގަ ވާނެ ގޮތަކީ ވުޒާރާތަކުގައި ތިއްބަވާ ވަޒީރުންގެ ތެރެއިން ހަރަކާތްތެރިކޮށް އެ ޑެޑިކޭޝަންއާއެކު ބާރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ މަގުބޫލުކަން ބޮޑުވާނެ. އެ ބޭފުޅުންގެ ސޭ ވެސް ބޮޑު ވާނެ. އެއީ އެކަން ހިނގާ ގޮތް. ދެން އަނެއްކާ ފައްޔާޒަކީ ރައްޔިތުންގެ މަޖިލީހުގައި ވެސް މަަސައްކަތް ކޮށްފައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެއް. މި ދަންނަވަނީ އަސްލު ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާފައި ވަޑައިގެންނެވި ބޭފުޅެކޭ އެއީ،" އިބްރާ ވިދާޅުވިއެވެ.
ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.
ނަޝީދުގެ އެ މެސެޖަށް ފަހު އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ޕާޓީގެ އެކްޓިވިސްޓުން ގެންދަނީ ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހޭ ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ.