ވިޒިޓް މޯލްޑިވްސް

ރަޝިއާގެ އެމްއައިޓީޓީ ޓްރެވަލް ފެއާގައި ރާއްޖެ

Apr 23, 2021

ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިއަށްދާ، ލަގްޒަރީ ޓްރެވަލް މާކެޓް (އެލްޓީއެމް) ފެއާގައި ރާއްޖޭން ބައިވެރި ވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ ރަޝިއާގެ މޮސްކޯގައި މި މަހުގެ 22 އިން މިއަދުގެ ނިޔަލަށް ކުރި އަށް ދާ އެލްޓީއެމް ފެއާގެ މަގުސަދަކީ ރަޝިއާގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓައި، އެ ގައުމުގައި އިސްތިހާރު ކުރުމެވެ.

ރާއްޖޭން ރަޝިއާގެ އެލްޓީއެމް ފެއާގައި ބައިވެރިވަމުން ދާއިރު، މި ފެއާގައި ބައިވެރިވާ ކުންފުނީގެ އަދަދެއް އެމްއެމްޕީއާރްސީ އިން ނުބުނެ އެވެ. އެމްއެމްޕީއާރްސީ އިން މީޑިއާއަށް ހިއްސާ ކުރި ފޮޓޯއިން ފެންނަނީ ރާއްޖޭގެ ސްޓޭންޑުގައި ތިން މީހަކު ތިބި ތަނެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ރާއްޖޭން މި ޝޯގެ ބައެއް ހިސާބުތަކުގައި ސްޕޮންސާ ވެސް ޖަހާފައިވާ ކަމަށެވެ. އެގޮތުން މި ފެއާގެ ޕްރެސް ކޮންފަރެންސް ކުރިއަށްދާ ޕްރެސްރޫމްގެ ބެކްޑްރޮޕްގައި ރާއްޖޭގެ އިސްތިހާރު ޖަހައި ޗާޖިން ސްޓޭޝަންތަކުގައި ވެސް ރާއްޖޭގެ ފްލެއާ ބަހައްޓާފައި ވާނެ ކަމަށެވެ. މި ފެއާގެ ތެރޭގައި 54 ޝެޑިއުލް މީޓިންގައި ރާއްޖޭން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މި ފެއާގެ ތެރޭގައި އެ ގައުމުގެ ލަގްޒަރީ ޓްރެވަލް އަދި ޓްރޭޑް ފަރާތްތަކާ ބައްދަލުކޮށް، ރާއްޖޭގެ ޕްރޮޑަކްޓްތަކާއި ރާއްޖޭގެ ތަޖުރިބާ ހިއްސާ ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް އިސްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން މީހުން އަންނަ އެއް ގައުމަކީ ރަޝިއާ އެވެ. އެ ގައުމުން މިހާތަނަށް 67،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.