ޓެކްނޯލޮޖީ

މޮންޓްބްލަންކް ސަމިޓް ލައިޓް: ލަގްޒަރީ ބަޖެޓް މާކެޓަށް

މޮންޓްބްލަންކްއޭ ބުނާ އަޑު އިވިއްޖެ ނަމަ އެ އެއްޗެއްގެ ސިފައަށް ވުރެ ބޮޑަށް ހިތުގައި ހިންގައިގަންނަނީ އޭގެ އަގާ މެދު އުފެދޭ ސުވާލެވެ. އެއީ މޮންޓްބްލަންކް ސެންޓް ފުޅިއެއް، ގަލަމެއް ނުވަތަ ބޮލުގައި އަޅާ ތާކިލެއް ނަމަވެސް، ހަމަޔަގީނުން ވެސް، އާދަޔާ ހިލާފަށް އަގު ބޮޑުވާނެ އެވެ.

މޮންޓްބްލަންކް ސްމާޓްގަޑިތައް މިހުރީ ލަގްޒަރީ ބަޖެޓް މާކެޓަށް މިސްރާބު ޖަހާފަ އެވެ. ބްރޭންޑް ދެކެ ގަންނަ ބިރު ވިޔަފައި، ކުރެވޭ އިހުތިރާމް ފިޔަވައި، އެހެން ސްމާޓް ގަޑިއެއްގައި ނެތް މޮޅެއް ވަކި މި ގަޑިތަކުން ވެސް ނުފެނި ދާނެ އެވެ.

މޮންޓްބްލަންކް މަރުކާގެ އެއްޗެއް ގަންނައިރު ހަގީގަތުގައި އަގު ދެއްކެނީ ދޭއްޗަކަށެެވެ. ބޮޑު އަގު ދައްކަން ޖެހެނީ ބްރޭންޑް ނަމަށެވެ. އެ މަރުކާއަށެވެ. އެހެން ކަމުން ގަޑީގެ ފީޗާތަކަށް ވުރެ ބޮޑަށް އޮޅުންފިލުވަން އެދެވެނީ އަގެވެ.

މި މަރުކާގެ ސްމާޓް ގަޑިތަކުގެ އަގު ބޮޑު ނަމަވެސް އުފައްދަނީ ވިކޭތީ އެވެ. ގިނަ ފަހަރު އެ އެއްޗެއް މާކެޓަށް ނެރޭއިރު ވިކި ހުސްވެ އެވެ. މޮންޓްބްލަންކް މަރުކާ އަކީ ވެސް ގިނަ ބަޔަކު ލޯބިކުރާ އަދި ގިނަ މީހުން ބޭނުންކުރާ މަރުކާ އެކެވެ. ވަފާތެރި ކަސްޓަމަރުން ވަރަށް ގިނަ އެވެ.

މޮންޓްބްލަންކް ސަމިޓް ލައިޓް މާކެޓްގައި އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މި ގަޑީގެ އަމާޒަކީ ބަޖެޓް މާކެޓެވެ. މި މަރުކާގެ އަގު ބޮޑު ގަޑިތައް، މިސާލަކަށް "ސަމިޓް 2+" ގަނެވެން ނެތް މީހުންނަށެވެ. ސަމިޓް ޓޫ ޕްލަސްގެ އަގު އުޅެނީ 1،200 ޑޮލަރަށް ވުރެ މަތީގަ އެވެ. ސަމިޓް ލައިޓްގެ އަގަކީ 860 ޑޮލަރެވެ. މިއަށް ވުރެ ހެޔޮ އަގެއްގައި ލިބުމަކީ ވެސް އޮތް ފުރުސަތެކެވެ.

ސަމިޓް ލައިޓް ބަލާ ބެލުމަށް އެހެން ސްމާޓް ގަޑިތަކާ ތަފާތެއް ނުހުރެ އެވެ. ހިންގަނީ ގޫގުލް ވެއާ އޯއެސްއިންނެވެ. އަމޯލެޑް 1.19 ސްކްރީނެކެވެ. ޑިސްޕްލޭ ރިޒޮލޫޝަން 390 ގުނަ 390 ޕިކްސެލް އެވެ. ކޯނިންގެ ގޮރިއްލާ ގްލާސް ކޯޓިންއެކެވެ. އަދި 400 އެމްއޭއެޗް ބެޓެރީއެކެވެ.

ސަމިޓް ލައިޓްގައި ހުންނަނީ 8ޖީބީ އިންޓާނަލް ސްޓޯރޭޖް އެވެ. ރޭމް 1ޖީބީ އެވެ. މިއީ އެންއެފްސީ – ނިއާ ފީލްޑް ކޮމިއުނިކޭޝަން ގާބިލު ގަޑިއެކެވެ.