ފަސް ބުރިއަށްވުރެ އިމާރާތް އުސްވެއްޖެނަމަ ދިރިއުޅުމުގެ ހުއްދަ ދޫކުރާނީ ލިފްޓު ބަހައްޓާފަ ހުރިކަން ޔަގީން ކުރުމަށްފަހު ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން އެގޮތަށް ނިންމާފައިވަނީ މާލެ ހައުސިން ޕްލޭނަށް އެ މިނިސްޓްރީން އެންމެ ފަހުން ގެނައި އިސްލާހުތަކުގެ ތެރެއިންނެވެ.
ފަހެއް ނުވަތަ އެއަށްވުރެ އުސް އިމާރާތްތަކުގައި މީހުން އުޅެން ފެށުމުގެ ކުރިން ލިފްޓު ބަހައްޓަންޖެހޭގޮތަށް މާލެ ޕްލޭނަށް ގެނެސްފައިވާ ބަދަލާއި އެކު މި ހަފުތާގެ ތެރޭގައު އެ ޕްލޭން ގެޒެޓު ކުރާނެ އެވެ.
"އަވަސް" އާ ވާހަކަފުޅުދައްކަވަމުން ހައުސިންގެ އޮފިޝަލަކު ވިދާޅުވީ އެގޮތަށް ނިންމީ އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާރެރިކަން ކަށަވަރުކުރުމާ އެކު، ފުރިހަމަ ކުރަންޖެހޭ އެފަދަ މުހިއްމު ކަންކަން ކުރުމުގައި ގެތަކުގެ ވެރިފަރާތްތައް ޒިންމާދާރުކުރުމުގެ ގޮތުން ކަމަށެވެ.
މީގެ ކުރިންވެސް ފަސް ބުރިއަށްވުރެ އިމާރާތް އުސްވެއްޖެނަމަ ލިފްޓު ހަރުކުރަންޖެހެއެވެ. ނަމަވެސް ލިފްޓު ގޮޅި ކަނޑާފައި ހުރިއްޔާ، ލިފްޓު ހަރު ނުކުރިޔަސް އެތަނެއްގައި ދިރިއުޅުމުގެ ހުއްދަ ދޫކުރެ އެވެ. އެގޮތަށް ދޫކުރާއިރު ލިފްޓު ގޮޅި ކައިރީ ދެ މީޓަރުގެ ފާރެއް ރާނާ ގޮތަށް ވެސް ޕްލޭނުގައި ބުނެފައި އޮވެ އެވެ.
ނަމަވެސް މިހާރު ގެނެވުނު ބަދަލާއެކު، ފަސް ބުރިއަށް ވުރެ އުސް އިމާރާތެއްގައި ލިފްޓު ނެތް ނަމަ ދިރިއުޅުމުގެ ހުއްދައެއް ދޫ ނުކުރާނެ އެވެ. އަދި މިހާރު ލިފްޓު ނުލައި ހުރި ގޭގޭގައި ލިފްޓު ލާން މުއްދަތެއް މިނިސްޓްރީން ކަނޑައަޅާނެ އެވެ.
"ލިފްޓަކީ ވަރަށް އަގު ބޮޑު ވެސް އެއްޗެއް. އާންމު ރައްޔިތަކަށް ވަރަށް އުނދަގޫވާނެ އަޅުގަނޑުމެން ކުއްލިއަކަށް މުއްދަތެއް ދީގެން މަޖުބޫރު ކުރުވައިފިއްޔާ. އެހެންވީމަ މިހާރު ލިފްޓު ނެތް ގެތަކުގައި ލިފްޓު ލާން އަންގާނެ ގޮތެއް މިނިސްޓްރީޏް ޑިސްކަސް ކޮށްފަ ވަރަށް އަވަަހަށް އަންގާނެ. އެހެން ނަމަވެސް މިހާރު މި އޮތް ގޮތުން އަލަށް އިމާރާތް ކުރާ ތަންތަނުގައި ލިފްޓު ނުބަހައްޓައި ފެނާއި ކަރަންޓެއް ނުލެވޭނެ،" އޮފިޝަލު ވިދާޅުވި އެވެ.
އުސް އިމާރާތްތަކުގައި ލިފްޓް ހަރުކޮށްފައި ނުހުންނަ ކަމަކީ އެފަދަ އިމާރާތްތަކުގައި ދިރިއުޅޭ އާންމުން ވަރަށް ޝަކުވާ ކުރާ ކަމެކެވެ. އެފަދަ ބައެއް އިމާރާތްތަކުގައި ލިފްޓު ގޮޅި ކަނޑާފައި ހުންނަ އިރު، ރާނަންޖެހޭ ދެ ފޫޓުގެ ފާރުވެސް ރާނާފައެއް ނުހުރެއެވެ.
ދާދި ފަހުން ވެސް އިމާރާތެއްގައި ރައްކާތެރިކަމެއް ނެތްގޮތަށް ބަހައްޓާފައި ހުރި ލިފްޓު ގޮޅީއަކަށް މާމައަކާ އެކު ކުޑަ ކުއްޖަކު ވެއްޓި ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ.