އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރަން ހުޅުވާލައިފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް މެއި މަހުގެ އަށްވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ. އެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ މެންބަރުންގެ ތެރެއިން ދާއިރާއަކަށް ވާދަ ކުރާނަމަ އެ ދާއިރާ އަކަށް ނިސްބަތްވާ އެމްޑީޕީގެ 50 މެންބަރުންގެ ސޮއި ހިމެނޭ ގޮތަށް ތާއީދު އޮތް ކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ. އަދި ސިޓީއަކަށް ނުވަތަ ޕްރޮވިންސަކަށް ކުރިމަތިލައްވާނަމަ އެ ސިޓީއެއް ނުވަތަ އެ ޕްރޮވިންސެއްގައި ތިބޭ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 200 މެންބަރުންގެ ސޮއި ހިމެނޭ ގޮތަށް ތާއީދު އޮތް ކަން އަންގައިދޭ ލިޔުމެއް ހުށަޅަންޖެހެ އެވެ.

މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެ އެވެ. ވޯޓުލުން އޮންނާނީ މެއި މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ވޯޓް ލާން އެއްވެސް ގައުމެއްގައި ވޯޓް ފޮއްޓެއް ނުބަހައްޓާނެ އެވެ. އެކަމަކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓް ފޮށި ބަހައްޓާނެ އެވެ.

އިންތިހާބުގައި ވޯޓުލާން ފުރުސަތު ލިބޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވި މީހުނަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓެއް ވެސް މިއަދު އާންމު ކުރާނެ އެވެ. އެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ.

އެމްޑީޕީގެ ދާއިމީ ވޯޓާސް ލިސްޓް މެއި މަހުގެ ފަސްވަނަ ދުވަހު އާންމު ކުރާނެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރު ތިބި 93،354 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބޭ ކަމަށެވެ. މި އިންތިހާބުގައި ވޯޓު ލާން ފުރުސަތު ދޭނީ އެމްޑީޕީން ބަލަހައްޓާ ޕާޓީގެ ދަފްތަރުގައިވާ ނަންތަކަށް ބަލައިގެނެވެ.

އިމްތިޔާޒު ވިދާޅުވީ އެ ޕާޓީން ބާއްވާ ފަދަ އެތެރޭގެ އިންތިހާބެއް ރާއްޖޭގެ އެހެން އެއްވެސް ޕާޓީއަކުން ނުބާއްވާ ކަމަށެވެ. އިންތިހާބު ކުރިއަށްދާނީ ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާއެކުގައި ކަމަށެވެ.