އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު

ރަށު ފެރީ ނިޒާމުގެ 81 ވަޒީފާއަށް ހުޅުވާލައިފި

އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ 81 ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އެމްޓީސީސީ އިން ހުޅުވާލައިފި އެވެ.

ހަ ޒޯނަކަށް ބަހާލައިގެން ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މި އަހަރު އުތުރުގެ ތިން އަތޮޅެއްގައި ފެރީގެ ހިދުމަތް ފަށާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ. ފުރަތަމަ ޒޯންގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅެވެ.

އެގޮތުން އެ އަތޮޅުތަކުން ޖުމްލަ 34 އޮޕަރޭޓަރުންނާއި 36 ކްރޫއިންނާއި 11 އެޑްމިން އޮފިސަރުން ނެގުމަށްވަނީ ހަމަޖެހިފަ އެވެ.

މިވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ދޯނި ދުއްވާ ލައިސަންސް އޮތުމާއި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހިންނަށް ވާން ޖެހެ އެވެ. މި ވަޒީފާތަކަށް އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

ސްޕީޑް ބޯޓް ކެޕްޓަނުންނާއި، ފެރީ ކޮންޑަކްޓަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 10،000 ރުފިޔާ ލިބޭނެ އެވެ. އަދި އިތުރުގަޑީގެ އެލަވެންސާއި ސްޓާފް މެޑިކަލް އިންޝުއަރެންސް ވެސް ދޭނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

އިންޓަގްރޭޓެޑް ފެރީ ނެޓްވޯކާއި އެކު ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމަށް ބޭނުންވާ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ. މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އާޒިމް ވިދާޅުވެފައި ވަނީ އަންނަ ޖުލައި މަހު މި ޕްރޮޖެކްޓްގެ އިންފްރާސްޓްރަކްޗާ މަސައްކަތަށް މުވައްޒަފުން ނަގާނެ ކަމަށެވެ. އަދި މިކަމުގައި ރަށުގައި ތިބެގެން ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވެ އެވެ.