ބޭންކް އޮފް މޯލްޑިވްސް

މާއުނގޫދޫ އާއި ކޮމަންޑޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

Apr 24, 2021

ށ. އަތޮޅުގެ ދެ ރަށެއްގައި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދޭން ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ ށ. މާއުނގޫދޫ އާއި ށ. ކޮމަންޑޫގައި ގާއިމްކޮށްފައިވާ އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އެ ދެ ރަށުގެ އޭޓީއެމް ހިދުމަތާއެކު މިވަގުތު ށ. އަތޮޅު ފުނަދޫގައި ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިން ހިދުމަތް ވެސް ބީއެމްއެލް އިން ދަނީ ދެމުންނެވެ. މީގެ އިތުރުން ށ. މިލަންދޫ، މާއުނގޫދޫ އަދި ކޮމަންޑޫގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ވެސް ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން ށ. އަތޮޅުގައި ބޭންކިން ހިދުމަތް ފުޅާކުރެވިގެން ދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"70 އަށް ވުރެ ގިނަ އޭޓީއެމް ސެންޓަރ އާއެކު މިހާރު މުޅި ރާއްޖޭގެ އެންމެ ފުޅާ ބޭންކިންގ ވިގުއައާއެކު ހިދުމަތް ދެވޭ ކަމީ އަޅުގަނޑުމެން ފަހުރުވެރިވާކަމެއް." ޓިމް ވިދާޅުވެފައިވެ އެވެ.


ރާއްޖޭގެ 20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗް ހުންނައިރު ބީއެމްއެލް އިން މަސައްކަތް ކުރަމުން އަންނަނީ އޭޓީއެމްގެ ހިދުމަތް ފުޅާ ކުރުމަށެވެ. އެގޮތުން މުޅި ރާއްޖޭގައި 67 ސެލްފްސާވިސް ބޭންކިން ސެންޓަރު، 128 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.