ރައްޔިތުންގެ މަޖިލިސް

އޯޑީގެ މުއްދަތާ މެދު ގޮތެއް ނިންމަން މާދަމާ ހާއްސަ ޖަލްސާއެއް ބާއްވަނީ

Apr 24, 2021

ދައުލަތުގެ ހަަރަދުތައް ހަމަޖެއްސުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދިނުމާ މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން މާދަމާ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެދިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭރު އެ ތިން މާއްދާ ސަސްޕެންޑް ކުރީ އެއް އަހަރަށެވެ. އެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވާޑްރޯ ކުރުމުގެ ހުއްދަ އަކަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގައި އެދިވަޑައިގަތީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށް، ހަރަދުތައް މެނޭޖުކުރާނެ އިތުރު އެއްވެސް ގޮތެއް ނެތުމުންނެވެ.

އެހެންވެ މާއްދާ ބާއްވާ ޖަލްސާއަކީ އޯވާޑްރާފްޓްގެ މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާ މައްސަލާގައި ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ އެކެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ ވެސް އޯވާޑްރާފްޓުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ އެކަންޏެވެ. އެކަމުގައި ގޮތެއް ނިންމަން މިދިޔަ ބުރާސްފަތި ދުވަހު ވެސް ޖަލްސާއެއް ބާއްވަން މަސައްކަތް ކުރި އެވެ. ނަމަވެސް މައްސަލަ އިތުރަށް ދިރާސާކުރަން ބައެއް ޕާޓީތަކުން ބޭނުންވާތީ މާދަމާ އަށް ޖަލްސާ ފަސްކުރީ އެވެ.

އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ހާއްސަ ކޮމިޓީން ވަނީ އޯވާޑްރާފްޓްގެ މުއްދަތު އިތުރުކޮށްދިނުމަށް ފެންނަ ކަމަށް ފާސްކޮށްފަ އެވެ. ނަމަވެސް ކޮމިޓީގެ ނިންމުމަށް އަމަލުކުރެވޭނީ މަޖިލީހުގެ ތަޅުމުން ކޮމިޓީގެ ރިޕޯޓް ފާސްކޮށްގެންނެވެ.

އޯވާޑްރާފްޓްގެ މުއްދަތު އިތުރުކޮށްދިނުމަށް ކޮމިޓީން ނިންމި ނަމަވެސް އޯވާޑްރާފްޓް ކުރަން، ކުރިން ހުއްދަ ދީފައިވާ އަދަދު ކަމުގައިވާ 4.4 ބިލިއަން ރުފިޔާގެ އަދަދު އިތުރުކޮށްދިނުމަށް ކޮމިޓީން ފާސްކޮށްފައެއް ނުވެ އެވެ. އަދި އެ އަދަދު އިތުރު ކުރަން ނުޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވެސް ވަނީ ކޮމިޓީގައި ވިދާޅުވެފަ އެވެ.