ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މާބަނޑު ނަރުހަކު ރޯދައަށްހުރެ ބަލިމީހުންގެ ހިދުމަތުގައި

އިންސާނިއްޔަތަށް ހިދުމަތް ކުރުމަކީ އަޅުކަމެއް ފަދަ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެ އެވެ. އެމީހުން އިންސާނީ ހިދުމަތުގައި ތިބެނީ އެފަދަ ހިތްވަރަކާއި އަޒުމަކާ އެކުގަ އެވެ. އިންޑިއާގެ ގުޖްރާތުގެ ސޫރަތުގައި މަސައްކަތްކުރާ މި ނަރުހަކީ ވެސް މިފަދަ އިންސާނީ ޚިދުމަތްތެރިއެކެވެ.

ނެންސީ އައިޒާ މިސްޓްރީ ބަލިވެ އިނދެ މިހާރު ބަނޑަށް ހަތަރު މަހެވެ. ނަމަވެސް ކޮވިޑް-19 ކެއާ ސެންޓަރެއްގައި އޭނާ ރެޔާ ދުވާލު އަވަދިނެތި ބަލިމީހުންގެ ޚިދުމަތުގައި އުޅެ އެވެ. އަދި މުސްލިމަކަށް ވާތީ ނެންސީ ރޯދަ މަހުގެ އެންމެ ރޯދައެއް ވެސް ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. އެހެންވެ މި ފަދަ ހާލަތެއްގައި މިހާ ބުރަކޮށް އުޅެމުން ވެސް އޭނާ ކޮންމެ ދުވަހަކު ވެސް ހުންނަނީ ރޯދައަށެވެ.

ނެންސީގެ މަސައްކަތަކީ ކޮވިޑް ޖެހުމުގެ ނުރައްކާ އިންތިހާއަށް ބޮޑު މަސައްކަތަކަށް ވެފައި އޭނާގެ ބަނޑުގައި ތުއްތު ފުރާނައެއް އޮތުމުން އިތުރަށް ނެންސީގެ ހާލަތު ނާޒުކެވެ. ނަމަވެސް ކޮވިޑްގެ ހާލަތު އިންޑިޔާގައި ދުވަހަކު ނުދަހާ ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި އޭނާއަށް ކޮށްދެވުނު ޚިދުމަތެއް ކޮށްދޭން ނެންސީ ހުރީ ކަމަރު ބަނދެގެންނެވެ.

ސޫރަތުގެ އަލްތާން ކޮމިއުނިޓީ ހޯލްގައި ތައްޔާރު ކޮށްފައިވާ ކޮވިޑް-19 ސެންޓަރުގައި ނެންސީ ކޮންމެ ދުވަހަކު ވެސް 8 އައި 10 ގަޑިއިރު ޑިއުޓީ އަދާ ކުރެ އެވެ.

މިއީ މި ސެންޓަރުގައި އެޑްމިޓްކުރާ ކޮވިޑް ބަލި މީހުންގެ ހޮދުމަތަށް ނެންސީ ނުކުމެ ހުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ކޮވިޑްގެ ފުރަތަމަ ރާޅު އިންޑިޔާއަށް އަރައިގެން އުޅުނުއިރު ވެސް ނެންސީ ހަމަ މި ސެންޓަރުގައި ބަލި މީހުންނަށް ޚިދުމަތް ކޮށްފައި ވެއެވެ.

"ކުރީ ފަހަރާއި މިފަހަރުގެ ތަފާތަކީ މިފަހަރު އަހަރެންގެ ބަނޑުގައި ތުއްތު ބޭބީއެއް އެބައޮތް. ނަމަވެސް އަހަރެންނަށް ހުރިހާ ކަމަކަށް ވުރެ ވެސް އަހަރެންގެ ޑިއުޓީ މުހިއްމު. އެހެންވެ އަހަރެން މި ސެންޓަރުގެ ޑިއުޓީއަށް ނުކުންނަނީ. ﷲގެ ހެޔޮ ރަޙްމަތްފުޅާއެކު ބަރަކާތްތެރި ރޯދަ މަހު އަހަންނަށް މިފަދަ ބަލިހާލު ބޮޑު މީހުންނަށް ހިދުމަތް ކުރާނެ ފުރުސަތު މިވަނީ ލިބިފައި،" އިންޑިއާ ޓުޑޭ އަށް ދީފައިވާ އިންޓަވިއު އެއްގައި ނެންސީ ބުނެފައި ވެއެވެ.

ގުޖްރާތަކީ އިންޑިޔާގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އެއް ސްޓޭޓެވެ. ފާއިތުވީ 24 ގަޑިއިރު ތެރޭގައި ވެސް އެ ސްޓޭޓުން 13،804 މީހަކަށް އަލަށް ކޯވިޑް ޖެހިފައި ވެއެވެ. އަދި މިހާރު އެ ސްޓޭޓުގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް ވަނީ އަރާފަ އެވެ.