ވަރަށް މަދުން ނޫނީ ދުނިޔޭން ނުފެންނަ ބާވަތެއްގެ "ބްލޫ ލޮބްސްޓާ" އެއް އިނގިރޭސި މަސްވެރިއަކު ބާނައިފި އެވެ. ކޯންވޯލްގެ ގޮނޑުދޮށުގެ ސަރަހައްދުން އޭނާއަށް މި އިހި / ލޮބްސްޓާ ފުރަތަމަ ފެނުމުން ލޮލަށް މި ފެންނަނީ ހަގީގަތެއް ކަން ގަބޫލު ކުރަން ވެސް ދަތިވި އެވެ. ސަބަބަކީ މި ވައްތަރުގެ "ބްލޫ ލޮބްސްޓާ" އަކީ ދެ މިލިއަނުން އެއް ފަހަރު ނޫނީ ބޭނޭ އެއްޗަކަށް ނުވާތީ އެވެ. އެހާވެސް މި ބާވަތް ދުނިޔޭގައި މަދެވެ.
ޓޮމް ލެމްބޯން އަށް ފޫޓެއްވަރުގެ ދިގު މި އިހި ފެނުނީ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށެވެ.
އޭނާ މި ލޮބްސްޓާ ހިފައިގެން އެކި ގޮތްގޮތަށް ފޮޓޯ ނެގުމަށްފަހު ކަނޑަށް ދޫކޮށްލީ އެވެ. ސަބަބަކީ "ވަރަށް ވަރަށް މަދު" މި ލޮބްސްޓާ ކުޑަކަމުން ނަގައިގެން އެއްގަމަށް ގެންގޮސްފިއްޔާ އޭގެ ފުރާނަ ސަލާމަތް ނުވާނެ ކަމަށް ގަބޫލު ކުރެވިގެންނެވެ.
އޭނާ ބުނި ގޮތުގައި މަސްވެރިކަމުގައި އޭނާ ނުކުތް މިއީ ދެ ވަނަ ސީޒަނެވެ. މިހާ މަދުން މި މަސްކަތަށް ނުކުމެ އުޅެނިކޮށް މިކަހަލަ މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ލޮބްސްޓާއެއް ފެނުމަކީ އޭނާގެ ނަސީބު ގަދަކަމުން ދިމާވި ކަމެކެވެ.
"އަހަރެންގެ އޭގެ މިން އަޅާލުމުން އެނގުނު އެއީ އަދި ވަރަށް ކުޑަކުޑަ އެއްޗެއްކަން. އެހާ ކުޑަ އެއްޗެއް އެއްގަމަށް ގެންގޮސްގެން ދިރުވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އެހެންވެ އެފަދަ ޚިޔާލެއް ވެސް ނައި. އެކަށީގެންވާ ވަރަށް ބޮޑު އެއްޗެއްނަމަ އެއްގަމަށް ގެންގޮސް ނެޝަނަލް ހެޗަރީއަށް ގެންދިޔައީމުސް. އަހަރެން މި "ބްލޫ ލޮބްސްޓާ" ގެ ފޮޓޯތައް އެތަނަށް ފޮނުވީމަ އެމީހުން ބުނި މި ބާވަތުގެ ލޮބްސްޓާ ފެންނާނީ ވަރަށް މަދުންނޭ. ގާތްގަނޑަކަށް ދެ މިލިއަން އެންމެ އެއްޗެކޭ މި ވައްތަރުގެ ފެންނާނީ. އެހެންވެ މިއީ ވަރަށް ޚާއްސަ އެއްޗެކޭ،" ޓޮމް ބުންޏެވެ.
އިނގިރޭސި ވިލާތުގެ "ދަ މިރާ" ގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މި ބާވަތުގެ ލޮބްސްޓާގައި ހުންނަ ނޫކުލަޔަކީ ޖެނެޓިކް މައްސަލައެއްގެ ސަބަބުން އަރާ ކުލައެކެވެ. މި މައްސަލަ ހުންނަ ލޮބްސްޓާ އިން ކްރަސްޓަސައިނިން ކިޔާ ޕްރޮޓީން އެއް މާ ގިނައިން އުފައްދާތީ އެ އެއްޗެތީގެ ގަޔަށް ނޫކުލަ އަރަނީ އެވެ.
ބީބީސީގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ބްލޫ ލޮބްސްޓާއަކީ ވަރަށް މަދުން ފެންނަ ބާވަތެއް ނަމަވެސް މިއަށްވުރެ ވެސް މަދު ވައްތަރެއް ހުރެ އެވެ. އެއީ ޔެލޯ ލޮބްސްޓާޒް އެވެ. މިފަދަ ލޮބްސްޓާއެއް ފެންނާނީ 30 މިލިއަނުން އެއް ފަހަރު އެވެ. އަދި 2011 ގައި ޔުނައިޓެޑް ކިންގްޑަމްގެ ޑޯސެޓުގެ ދެ މަސްވެރިއަކު އަލްބީނޯ ނުވަތަ ކްރިސްޓަލް ލޮބްސްޓާއެއް ބާނާފައި ވެއެވެ. މިއީ 100 މިލިއަނުން އެއްފަހަރު ނޫނީ ނުބޭނޭ ވައްތަރެކެވެ.