ދުނިޔެ

އެމެރިކާއިން އެފް-35 ކޮންސޯޓިއަމްއިން ތުރުކީ ބޭރުކޮށްލަނީ

އެމެރިކާ އިސްވެ، އެފް-35 ކޮންސޯޓިއަމްއިން ތުރުކީ ބޭރުކޮށްލަން މަސައްކަތް ފަށައިފި އެވެ. މައިގަނޑު ސަބަބަކީ ތުރުކީން ރަޝިއާގެ އެސް400 މިސައިލް ޑިފެންސް ސިސްޓަމް ބޭނުން ކުރުމެވެ. ހަބަރު އޭޖެންސީތަކުން ބުނާ ގޮތުން ޕެންޓަގަނުން ތުރުކީއަށް މި ހަބަރު ވަނީ ދީފަ އެވެ.

ތުރުކީއާ ނުލައި އެފް-35 ކޮންސޯޓިއަމްގައި މިހާރު ތިބޭނީ އެމެރިކާ އާއި އޮސްޓްރޭލިއާ، އިނގިރޭސިވިލާތާއި އިޓަލީ، ނެދަލޭންޑާއި ކެނެޑާ، ނޯވޭ އަދި ޑެންމާކް އެވެ.

ރަޝިއާގެ އެސް400 މިސައިލް ދިފާއީ ނިޒާމް ތުރުގައި ބެހެއްޓުން އެމެރިކާއަށް ވަނީ ބޮޑުކަމަކަށް ވެފަ އެވެ. ޕެންޓަގަނުން މީގެ ކުރިން ބުނީ އެސް400 ތުރުކީގައި ބަހައްޓައިފި ނަމަ ކޮންސޯޓިއަމުން ތުރުކީ ބޭރުވާނެ ކަމަށެވެ. އަދި ދިފާއީ ހަތިޔާރު ހޯދުމުގައި ރަޝިއާއަށް އިތުބާރުނުކުރުމަށް އެމެރިކާއިން ވަނީ އެދިފަ އެވެ. އެހެން ނަމަވެސް އަންކާރާއިން ގަބޫލުރުކާ ގޮތުގައި އެގައުމަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ ރަޝިއާއާ ގާތްވުމެވެ.

އެމެރިކާއިން ގަބޫލުކުރާ ގޮތުގައި އެސް400 އަކީ އެފް-35 ގެ ޖެޓުތަކަށް ހުރި ނުރައްކަލެކެވެ. އަދި ތުރުކީއަށް އެފް-35 ގެ ބާރުވެރިކަން ދީފި ނަމަ އެފް-35 ޖެޓްތަކުގެ ސިއްރު ރަޝިއާއަށް އެނގުމަކީ އެކަށީގެންވާ ކަމެކެވެ.

އެފް-35 ކޮންސޯޓިއަމް މެމްބަރެއްގެ ހައިސިއްޔަތުން އަންކާރާއިން އެފް-35 ޖެޓުތަކުގެ ބައިތައް އުފައްދާނެ އެެވެ. އެހެން ނަމަވެސް ކޮންސޯޓިއަމުން ބޭރުކޮށްލުމުން މިމަރުކާގެ ޖެޓެއް ނުލިބޭނެ އެވެ.

ތުރުކީއަށް މިހާރު އޮތް ހަމައެކަނި އިޚުތިޔާރަކީ ރަޝިއާ އެވެ. އެހެން ނަމަވެސް، ރަޝިއާއާ ޔުކްރޭންއާ ދެމެދު މިދާކަށް ދުވަހު ޖެހުނު މައްސަލާގައި ތުރުކީން ޔުކްރޭންއަށް ސަޕޯޓްކުރުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. އަދި ޔުކްރޭންގެ ދޮންބާސްއިން ތުރުކީ ޑްރޯންތައް ރަޝިއާއާށް ފެނި ވަނީ މަސްލަހަތު ހަރާބުވެފަ އެވެ. ތުރުކީން ޑްރޯން އުފައްދަނީ ރަޝިއާއިން ބައިތައް ގަނެގެންނެވެ.