ރައްޔިތުންގެ މަޖިލިސް

އޯވަޑްރޯގެ މުއްދަތު އިތުރުކޮށްދޭން މަޖިލީހުން ރުހުން ދީފި

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ނުވަަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އެކަމާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އޯވާޑްރޯގެ މުއްދަތު އިތުރު ކޮށްދޭން ފެންނަ ކަމަށް 47 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ނުފެންނަކަމަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.

މަޖިލީހިގެ ހާއްސަ ކޮމެޓީއަކުން ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމުން މިއަދު ނިންމީ ފިނޭންސް މިނިސްޓްރީން އެދުނު ގޮތަށް އޯވާޑްރޯގެ މުއްދަތު އެއް އަހަރު ދުވަހަަށް އިތުރު ކޮށްދޭށެވެ. އަދި އޯވާ ޑްރޯގެ އަދަދު 4.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ ގޮތަށެވެ.

ފިނޭންސް މިނިސްޓްރީން އެދިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭރު އެ ތިން މައްދާ ސަސްޕެންޑް ކުރީ އެއް އަހަރަށެވެ. އެ މުއްދަތު ހަމަވާނީ މާދަމާ އަށެވެ. އެެހެންވެ އަނެއްކާ ވެސް އެ މައްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރަން ފަހުން ފިނޭންސް މިނިސްޓްރީން އެދުނީ އެވެ.

ފިނޭންސް މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގެންފައިވާ ގޮތުން ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ތިން މާއްދާ ސަސްޕެންޑު ކުރުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި، ހިދުމަތަށް ބުރޫ އެރިއަ ނުދީ ހިފެހެއްޓުނެވެ. މީގެ އިތުރުން އިގްތިސޯދީ ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 އިގެ ސަބަބުން ކުރަން ޖެހުނު ސިއްހީ ހޭދައަށް ފަސޭހަ ވިއެވެ.