ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕްގެ މައްސަލަތައް އިތުރުވަމުން ދާތީ އެފަދަ އަމަލުތައް ކުރާ މީހުނަށް ހައްގު އަދަބު ދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
އާދަމް ޝަރީފް މިއަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕްގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި އަންހެނުންގެ ކަރާމާތާއި އިއްޒަތަށް އަރައިގަންނަމުންދާއިރު މައްސަލަތައް ހައްލުކުރަން އެކަށީގެންވާ ފިޔަވަޅެއް ނޭޅި އިންސާފު ލިބުން ލަސްވެފައިވާ ކަމަށްވެސް ތުހުމަތުކުރައްވާފައިވެ އެވެ.
އެފަދަ މައްސަލަތަކުގައި ދައުވާ ނުކުރަން ނިންމުމާއި މައްސަލަތައް ލަސްވުމާއި ވަކި ހިސާބަކުން އޮއްބައިލަމުން އަންނަ ކަމަށާއި އެހެންކަމުން މަގުމައްޗަށް ނިކުންނަން ޖެހިލުންވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ގަރާރުގައިވެ އެވެ.
ރާއްޖޭގައި އެފަދަ މައްސަލަތައް މަދުކުރެވޭނެ ގޮތްތަކެއް ނިޒާމީ ގޮތެއްގައި ރާވައި ހިންގުމާއި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ އިތުރުން އެފަދަ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގަރާރުގައި ގޮވާލާފައިވެ އެވެ.
ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. އަދި ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަރަށް ގިނަ އެވެ. ފަހަކަށް އައިސް އެ ކުށް ކުރާ ބިދޭސީންގެ ނިސްބަތް ވެސް އިތުރެވެ.