ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ކޯސްތަކެއް ހިންގަނީ

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ކޯސްތަކެއް ހިންގުމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި ހަވާލުކޮށްފި އެވެ.

"ސްކިލްސް ފޯ އަ ރެޒީލިއެންޓް ވޯކްފޯސް"ގެ ނަމުގައި ކުރިއަށްދާ ޕްރޮގްރާމުގައި ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ފަސް ކޯހެއް ހިންގާނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނެ އެވެ.

މި ކޯސްތައް ކުރިއަށް ގެންދިއުމަށް ކަމާ ގުޅޭ އެއްބަސްވުން އެމްއައިޓީއާ ހަވާލުކޮށްދެއްވީ ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

އެމްއައިޓީން ހިންގުމަށް ހަވާލުކުރެވުނު ކޯސްތައް

  • ނޭޝަނަލް ސެޓްފިކެޓް 3 އިން ބޯޓް އޮޕަރޭޝަން
  • ނޭޝަނަލް ސެޓްފިކެޓް 3 އިން ޖުވެލަރީ ޑިޒައިން
  • ނޭޝަނަލް ސެޓްފިކެޓް 3 އިން ސްނޯކްލިން ގައިޑް
  • ނޭޝަނަލް ސެޓްފިކެޓް 3 އިން ސްޕޯޓްސް ފިޝިން ގައިޑް
  • ނޭޝަނަލް ސެޓްފިކެޓް 3 އިން ސާފް ގައިޑް

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފަސް ކޯހުން 100 ދަރިވަރުން ވަޒީފާގެ ބާޒާރަށް ނިކުތުމަށް ތައްޔާރުކުރެވޭނެ ކަމަށެވެ.

ސްކިލްސް ފޯ އަ ރެޒީލިއެންޓް ވޯކްފޯސް އަކީ ސަރުކާރުގެ އިސް ނެގުމުގެ ދަށުން ކޮވިޑުގެ ހާލަތުން ދިވެހިރާއްޖެ އަރައިގަނެ އިގްތިސޯދު އަލުން ނެގެހެއްޓުމަށް ތައްޔާރުވާ އިރު އެކި ސިނާއަތްތަކަށް ބޭނުންވާ ދިވެހިން ތަމްރީނުކުރުމަށް ފެށިގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ދަށުން ދިވެހި ޒުވާނުން ވަޒީފާއަށް ބޭނުންވާ ހުނަރު ތަކާއިއެކު މުޖުތަމައަށް ނެރެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ޒުވާނުން ބޭނުންވާ މުހިއްމު ބައިތައް ދަސްކޮށް، އުފެންދުންތެރި އަދި ޒިންމާދާރު ދިވެހި ރައްޔިތަކަށް ހެދޭނެ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ފަންނީ މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކުން 1200 މީހުން ތަމްރީނު ކުރެވިގެން ދާނެ އެވެ. އެގޮތުން ޓޫރިޒަމް ދާއިރާއިން 600، އައިސީޓީ ދާއިރާއިން 200 އަދި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުން ތަމްރީން ކުރުމަށް ވަނީ ނިންމާފަ އެވެ. ތަމްރީނު ލިބިގެންދާ ޒުވާނުންގެ 33 ޕަސެންޓަކީ އަންހެނުންގެ ބައިވެރިވުން ހިމެނޭ ބައިތަކެއްގެ ގޮތުގައި ވުމަކީ މި ޕްރޮގްރާމްގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމް ހިންގުމުގައި އެމްއައިޓީއަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީއާއި، ވޯލްޑް ބޭންކްގެ މީރީ ޕޮޖެކްޓާއި، ޓޫރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ޔޫތު މިނިސްޓްރީގެ އެހީތެރިކަން ލިބިގެން ދާނެ އެވެ.