އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ބައްދަލުވުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ގޮވާލައި ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ.
ގަރާރުގައި ބުނެފައިވަނީ ދެ ފުށް ފެންނަ ގޮތަކަށް ހުޅުވާލައިގެން ކަންކަން ކުރިއަށް ގެންދިއުމަކީ އެމްޑީޕީގެ ފަލްސަފާ ކަމަށެވެ. އެގޮތަށް އަމަލުކުރުމުން ރައްޔިތުންގެ އިތުބާރު ލިބި ހަގީގަތްތައް ސާފުވާނެ ކަމަށްވެސް ގަރާރުގައިވެ އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ބައްދަލުވުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހުށަހެޅި ނަމަވެސް ޕީޖީ ގުރޫޕުން ބޭނުންވެއްޖެނަމަ ވަކި ބައްދަލުވުމެއް ނުވަތަ ބައްދަލުވުމުން ބައެއް ސިއްރު ކުރަން ހުރަހެއް ނެތް ކަމަށްވެސް ގަރާރުގައިވެ އެވެ. އެކަމަކު އެގޮތަށް ސިއްރު ކުރާނަމަ ޕީޖީ މެމްބަރުންނަށް ސަބަބު އަންގައިދޭން ވާނެ ކަމަށްވެސް ގަރާރުގައިވެ އެވެ.
ޕާލިމަންޓްރީ ގުރޫޕުގެ ބައްދަލުވުމެއް ސިއްރުކުރަން ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައިގެ މެންބަރުން އެދިވަޑައިގެންފިނަމަ އެ ބައްދަލުވުމެއް ސިއްރު ކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ހަސަން ލަތީފްގެ ގަރާރަށް ތާއީދު ކުރައްވާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުންތައް ހުޅުވާލަން ހުށަހަޅާފައި މިވަނީ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ބޮޑުވެ މަޖިލީހުގެ ތަޅުމާއި، ސޯޝަލް މީޑިއާގައި އެމްޑީޕީގެ ބައެއް މެންބަރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުދިނުން އާންމުވެފައި ވަނިކޮށެވެ.