އަހުމަދު މަހްލޫފު

އިސްތިއުފާ ނުދެއްވައިފިނަމަ ރޯކޮށްލާނެ ކަމަށް ބުނެ މަހުލޫފަށް އިންޒާރު ދީފި

Apr 25, 2021
1

ވަކި ތާރީހެއްގެ ކުރިން މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ހަށިކޮޅުގައި "ރޯކޮށް"ލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓަކު އިންޒާރު ދީފި އެވެ.

ޒުވާނުންގެ މިނިސްޓަރަށް މި އިންޒާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާގެ ބޭފުޅެކެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރިކޮށް އުޅޭ އެ ޒުވާނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަހުލޫފް އިސްތިއުފާ ދެއްވުމަށް އޮތް އެންމެ ފަހު ތާރީހަކީ މެއި މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.

އޭނާގެ އެ ޓްވީޓަށް ކޮމެންޓް ކުރި މީހަކު ވަނީ މެއި މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާ ނުދެއްވައިފިނަމަ ދެން ހަދާނީ ކިހިނެތްތޯ ސުވާލު ކޮށްފަ އެވެ. އެ ކޮމެންޓަށް ޖަވާބު ދެމުން އޭނާ ވަނީ "ރޯކޮށް"ލާނެ ކަމަށް ބުނެފައެވެ. އަދި ގްރިލްގައި ބާބެކިއު ހަދާނީ ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ.

މިނިސްޓަރު މަހުލޫފް މަގާމުން ދުރުކުރަން ބޭނުންވާ ބަޔަކު ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި އުޅެ އެވެ. އެ ޕާޓީގެ ހަރަކާތްތެރި ބައެއް މެންބަރުން ދޭތެރެ ދޭތެރެއިން ގެންދަނީ ޔޫތު މިނިސްޓަރު ބަދަލުވާނެ ކަމުގެ އިޝާރާތްތަކެއް ވެސް ދެމުންނެވެ. އަދި ދެން މިނިސްޓަރު ކަމަށް ވަޑައިގަންނަވާނީ މިވެނި ބޭފުޅެކޭ ބުނެ ބައެއް ބޭފުޅުންގެ ފޮޓޯވެސް އާންމު ކުރެ އެވެ.

ވަކި ތާރީހެއްގެ ކުރިން މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ ހަށިކޮޅުގައި "ރޯކޮށް"ލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓަކު އިންޒާރު ދީފައިވާއިރު މިފަދަ ގޮތަކަށް ބަސް މަގު ބޭނުން ކުރުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުށެކެވެ. ރާއްޖޭގައިވެސް ޓެރަރިޒަމް ގާނޫނުގެ ދަށުން މިފަދަ މައްސަލަތަކުގައި ބައެއް މީހުން ހައްޔަރުކޮށް ފިޔަވަޅުވެސް އަޅާފައިވެ އެވެ.