އިބްރާހިމް އިސްމާއީލް (އިބްރާ)

ގައުމީ މަޖިލީހުގެ ނިންމުމަށް އިބްރާ ޖޯކު ޖައްސަވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ މެންބަރުން ކަމަށް ބަޔާންކޮށް ގަރާރެއް ފާސްކުރުމާއި ގުޅިގެން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ފާޑުވިދާޅުވެއްޖެ އެވެ.

ގައުމީ މަޖިލީހުގެ ރޭގެ ބައްދަލްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ މެންބަރުން ކަމަށް ބަޔާންކޮށް ގަރާރެއް ހުށައަޅާފައެވެ. އެ ގަރާރުގައި ބުނެފައިވަނީ ސަރުކާރުން އުފައްދާފައިވާ ދެ ރިޔާސީ ކޮމިޝަނުން ކުރަމުންދާ ތަހުގީގުތަކާއި ގުޅިގެން ތުހުމަތު ކުރެވިފައިވާ މީހުންނާއި ފިޔަވަޅު އަޅައިދިނުމަށް އެދި ދައުލަތުގެ އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ އެއްވެސް މީހަކަށް އިންތިހާބުގައި ވާދަ ނުުކުރެވޭނެ ކަމަށެވެ.

އެއީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކެވެ. އެ ދެ ކޮމިޝަނުން ބަލަމުންދަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މައްސަލަތަކާއި ރާއްޖޭގައި ހިންގާފައިވާ ގޮތް ނޭންގޭ މަަރުތަކާއި ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންގެ މައްސަލަތަކެވެ. އެ ދެ ކޮމިޝަންގެ ތަހުގީގުތަކުން އެމްޑީޕީގެ ބައެއް މެންބަރުންގެ މައްޗަށްވެސް ތުހުމަތުތައް އެބައޮތެވެ.

ބޮންޑެގެ ހުށައެެޅުމުގައި ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވިފައިވާ މީހުންނާއި އެފަދަ މައްސަލަތައް ސާބިތުވެފައިވާ މީހުންނަށްވެސް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެގޮތުން މަރުގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި ރޭޕް ކުރުން ފަދަ ކުށްތަކުގައި ތުހުމަތު ކުރެވި އަދި މައްސަލަ ސާބިތުވެފައިވާ މީހުން ހިމެނެއެވެ. އެފަދަ ކުށެއް ކޮށް އަދި ތަންފީޒު ކޮށްފައިވާ މީހަކުނަމަ ހުކުމް ނިމި ފަސް އަހަރުވެފައިވާ މީހުންނަށް ނޫނީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

މި ހުށައެޅުމުގައި ބުނެފައިވާ ގޮތުން އެފަދަ މީހަކު މަގާމަކަށް އިންތިހާބުވާ ފަހުން އެކަން އެނގިއްޖެނަމަ އެ މަގާމަކުން އޭނާ ވަކިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ގަރާރުގެ މަގުސަދަކީ ވަކި ބަޔަކަށް އިންތިހާބުން ފުރުސަތު ނުދިނުން ކަމަށް ބުނެ އެމްޑީޕީއަށް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. ހާއްސަކޮށް މިއީ މާލެ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ މިހާރުވެސް އެ ދާއިރާގެ ރައީސް އަކްރަމް ކަމާދުއްދީނަށް އިންތިހާބުން ފުރުސަތު ނުދޭން ކޮށްފައިވާ ކަމެއް ކަމަށް ބައެއް މީހުން ތުހުމަތު ކުރެެއެވެ. މާލެ ދާއިރާގެ ރައީސް ކަމަށް އަކްރަމް އާ ވާދަކުރައްވަނީ މާލެ ސިޓީގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދެވެ.

އެކަމަށް އިޝާރާތް ކުރައްވާ އިބްރާ ވަނީ ބޮޑު ހިޔާނާތުގެ އިތުރުން އެހެން ހިޔާނާތްތައް އެއީ ނެތް ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ވިދާޅުވީ އޭނާ މަގާމަކަށް ކުރިމަތިލައްވައިފިނަމަ ޝަރުތު ކަނޑައަޅާ އެ ފުރުސަތު ނުދޭނެ ކަމަށެވެ.

"ޔަގީން މަ ކުރިމަތިލައިފިއްޔާ އަސާ ޖަހައިގެން ހިނގާ މީހުންނަށް ނުލެވޭނެ ކަހަލަ އެއްޗެއް ގައުމީ މަޖިލީހުން ފާސްކުރާނެ،" އިބްރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުން ރައީސް ނަޝީދު ބޭނުންވާ މީހަކު ނަގަންވީމަ ގަވާއިދު ބަދަލުކޮށް ވޯޓާސް ލިސްޓާވެސް ކުޅޭނެ ކަމަށެވެ. އަދި 2014 ވަނަ އަަހަރުގެ މަޖިލީސް އިންތިހާބާއި 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ގެއްލުނީވެސް ނަޝީދު އެ ގޮތަށް އަމަލު ކުރެއްވުމުން ކަމަށް ވިދާޅުވިއެވެ.

"މީނަ [ރައީސް ނަޝީދު] އެންޑޯސްކުރާ މީހުން ދެން ނުހޮވަން ވެއްޖެ،"

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންނަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރެއްވުމުންވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެމްޑީޕީގެ ބައެެއް އެކްޓިވިސްޓުންނާއި އާންމުން ވެސް ވަނީ ރައީސް ނަޝީދު އެ ގޮތަށް އަމަލު ކުރައްވާތީ ފާޑުކިޔާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސް ކަމަށް މާލެ ސިޓީގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ކުރިމަތިލައްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވާފަ އެވެ. އެކަން ހާމަކުރައްވާ ޝިފާ ކުރެއްވި ޓްވީޓެއް ރައީސް ނަޝީދު ވަނީ ރި-ޓްވީޓް ކުރައްވާފަ އެވެ. އަދި އެމްޑީޕީ ކުރިއަށް ކަމަށް ވިދާޅުވެ "ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް" އެހެން ޖައްސަވާފައި ވެއެވެ.

އެ ޓްވީޓާއި ގުޅިގެން ފާޑުކީ ބައެއް މީހުން ވަނީ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި އަދި ވާދަވެރި އިންތިހާބެއްގައި ޕާޓީގެ ރައީސް ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުން އެއީވެސް ޑިމޮކްރަސީތޯ ސުވާލު ކޮށްފަ އެވެ. އަދި ރައީސް ނަޝީދުގެ އެ އަމަލަކީ އިންތިހާބަށް ނުފޫޒު ފޯރުވުމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

"އެތެރޭގެ އިންތިހާބަކަށް ޕާޓީގެ ރައީސް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" މީހަކު ލިޔެފައި ވެއެވެ.

އެހެން މެންބަރަކު ބުނީ އެމްޑީޕީން ބާއްވާ ކޮންމެ ޕްރައިމަރީއަކާއި ގުޅިގެން ގިނަ މައްސަލަތައް ދިމާވާ ކަމަށެވެ. އަދި ގިނަ ފަހަރަށް މައްސަލަތައް ދިމާވަނީ މިނިވަން ކަމާއި ހަމަހަމަ ކަމާއެކު އިންތިހާބު ކުރިއަށް ގެންދަން ފުރުސަތު ނުދޭތީ ކަމަށެވެ. އެކަމަށް ލީޑަޝިޕުން އަބަދުވެސް ހުރަސްއަޅާ ކަމަށާ ވަކި ބަޔަކު ހޮވަން ލީޑަޝިޕުން މަސައްކަތް ކުރާ ކަމަށެވެ.

"މިހެން ވާތީ ޕްރައިމަރީތައް ބޮއްސުންްލަނީ،" އެމްޑީޕީގެ މެންބަރަކު ލިޔެފައި ވެއެވެ. "ނަމުން ޑިމޮކުރެޓިކު ކަމުން ޑިކްޓޭޓަރު. ތާރީހުގައި އެމްޑީޕީން ނުބާއްވާ ނަތީޖާއާ ނުކުޅޭ އިންތިހާބެއް،"

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު ހޮނިހިރު ދުވަހު ދާއިރާތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.